ސަރުކާރަށް ތިންއަހަރުފުރުނުއިރު މިފްކޯއަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދެމުންގެންދިއުން ކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރުން މިފްކޯގެ ހިންގުމާއި ހަވާލުވިއިރު މަސްވެރިންގެއަތުން މަސްގަނެފައި ލާރިނުދެވި ގިނަދުވަސްވެފައިވާ މަސްވެރިންނަަށް ދޭންޖެހިފައިވާ 39,562،853 މިލިޔަން ރުފިޔާ އޮތް ކަމަށާއި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފައިސާވާނީ މަސްވެރިންނަށްދީ ޚަލާޞްކޮށް ނިންމާފައިވާކަން އެކުންފުނިން ފާހަގަކުރިއެވެ.
"މުޅިދުނިޔެ ކޮވިޑާއި ގުޅިގެން ބަންދުވެ އަދި ރާއްޖޭގެ ބޯޑަރު ވެސް ބަންދުވެފައި އޮތްއިރު، ހިތްވަރާއެކު މިފްކޯ ކުރީސަފަށް ނުކުމެ އިގްތިޞާދު ހިފެހެއްޓުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދިޔައީ ހީވާގި މަސްވެރިންނާއެކުގައެވެ. މިގޮތުން ފާއިތުވެދިޔަ ދެއަހަރާ މިއަހަރުގެ މިހިސާބަށް މިފްކޯއިން ވަނީ ރިކޯޑް ޢަދަދަކަށް މަސްވެރިންއަތުން މަސްގަނެ މަސްވެރިންނަށް ދޭންވާ ފައިސާ ބަރާބަރަށް ހަމަޔަށް ދީފައެވެ." މިފްކޯގެ ބަޔާނުގައި ވެއެވެ.
ވޭތުވެދިޔަ 3 އަހަރު އުތުރުގެ މަސްވެރިކަން ރަނގަޅުވެ ބޭނި މަހުގެ ޢަދަދުތައް އިތުރުވުމުން އެ ސަރަޙައްދުން މަސްގަތުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ނަމަވެސް މިފްކޯގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރިފިސާރި މަސައްކަތުން މަސްވެރިންނަށް މަސްނުކިރިގެންކުރާނެ ނޭދެވޭ އަސަރު ކުޑަކުރެވިފައިވާކަން މިފްކޯއިން ފާހަގަކުރިއެވެ. އަދި މަސްވެރީންނަށް މަސްކިރުވުމުގެ ދިމާވާ ދަތި ތަށް ހައްލު ކުރުމުގެ ގޮތުން ސަރުކާރާ މިފްކޯ ގުޅިގެން ކުރެވުނު މަސަތްކަތުން ވަނީ ދުވާލަކު 100 ޓަނު މަސްފިނި ކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި އަދި މަސް އެކްސްޕޯރޓް ކުރުމަށް 2400 ޓަނުގެ ކެރިއަރެއް ގަނެ ރާއްޖެ ގެނެސްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

"ސަރުކާރުން ގެންގުޅޭ ރާއްޖެ ލާމަރުކަޒީ ނިޒާމަކުން ހިންގުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި މަސްވެރިންގެ އަތުން
މަސްގަންނަ ފެސިޓީތައް ޤާއިމްކުރުމަށް ނިންމައި މިކަމަށް ފައިސާހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވިފައިވެއެވެ. މިހާރު މަސްގަންނަ
ސެންޓަރުތަކުގެ އިތުރުން މ.މުލަކާއި ގދ.ތިނަދޫގައި މަސްގަންނަ ސެންޓަރުތަކެއް ހެދުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމުގެ މަސައްކަތް
ވަނީ ފެށިފައިވެއެވެ. ގދ.ތިނަދޫ އާއި މ.މުލަކު ގައި ދުވާލަކަށް 100 ޓަނުގެ މަސް ފްރީޒްކުރެވޭ އަދި 1000 ޓަނާއި 500 ޓަނާއި ދެމެދު
މަސް ރައްކާކުރެވޭ ފެސިލިޓީތައް ހެދުމަށް ވާންޖެހޭ ތައްޔާރީތައް ކުރިޔަށް ގެންދެވިފައެވެ. މި ފެސިލިޓީތަކުގެ ސަބަބުން އިތުރު ވަޒީފާތަކެއް
އުފެދިގެންދިއުމާއިއެކު މަސްކިރިރުމަށް މިސަރަޙައްދުތަކުގެ މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ." މިފްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ކުންފުނި ތަރައްޤީ ކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ތަފްސީލްވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"ފެލިވަރުގައި މުޅިންއަލަށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޓިން އަދި 80 ޓަނުގެ RSW
ސިސްޓަމެއް ޤާއިމްކުރުމާއި، އާ ޓީއެއް 3500 ޓަނުގެ ކާގޯ ވެސަލް ކައިރިކުރެވޭ ފެންވަރަށް ތަރައްޤީ ކުރުމާއި، މަސްކިރާ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް ބޭނުންކުރާނެ އިތުރު ޖެޓީއެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްވަނީ ފެށިފައެވެ. އަދި ފެލިވަރުގައި މުޅިން އަލަށް
100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ފެށިފައިވެއެވެ. މިދެންނެވި މަސައްކަތްތައް ކުރުމަށްޓަކައި ފެލިވަރުގެ
ބިމަށް އިތުރުކުރެވޭ 5 ހެކްޓަރުގެ ބިން ހިއްކުމަށާއި، އަދި ކުރިން ދެންނެވި ޖެޓީތައް ހަދާ އެ ސަރަޙައްދުގެ ނެރާއި ފަޅު ފުންކުރުމަށް
ސަރުކާރުން މިހާރުވަނީ އެމްޓީސީސީއާއި ޙަވާލުކޮށް، އެމަސައްކަތް ކުރަންފެށިފައިވެއެވެ. މި ޕްރޮޖެކްޓަށް 113 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ.
މީގެ އިތުރުން ކޯލްޑް ސްޓޯރޭޖާއި އާ ކެނެރީގެ ޤާއިމްކުރުމަށް ހިންގާ ޕްރޮޖެކްޓަށް 42 މިލިޔަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ." މިފްކޯގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން އެކުންފުނީގެ ކަނޑުއޮތްގިރީގެ ފަޅު މަރާމާތުކޮށް މަސްވެރިންނަށް ހުރިހާ މޫސުމެއްގައިވެސް އެތަން ބޭނުންކުރެވޭނެގޮތަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެތަނުގެ ޖާގަ އިތުރުކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އަމިއްލަގޮތުން ރޯމަސް ފްރެޝްކޮށް އެކްސްޕޯޓްކުރުމަށް ފަސޭހަތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

"ކޫއްޑޫ ބަނދަރުގެ ޖާގަ ކުޑަވުމާއެކު މިހާރު މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް އެބަނދަރުގެ ބޭނުންކުރަން ދަތިތަކަކާއި ކުރިމަތިވެ
މަސްވެރިކަމުގެ ފަހި މޫސުމްގައި މަސްކިރުން ލަސްވާ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ކޫއްޑޫގެ ފަޅުގެ ޖާގަ އިތުރުކޮށް ގޯލްޑް ސްޓޯރޭޖް
ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ރޭވިފައެވެ. މިކަން ނިމޭއިރު ކޯލްޑް ސްޓޯރަށް އިތުރުކުރެވޭ 4000 ޓަނާއެކު ޖުމްލަ 6000 ޓަނަށް ކޫއްޑޫގެ
ޖާގަ އިތުރުކުރަން ވަނީ ރޭވިފައިވެއެވެ. މިފްކޯގެ އަމާޒަކީ މި އަންނަ ތަރައްޤީއާއެކު މަސްވެރިންނަށް މިހާރަށްވުރެ ލުއިފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ދިނުމެވެ. މީގެ އިތުރުން މަސްވެރިންގެ އަތުން ގަންނަ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ދާއިމީގޮތެއްގައި ދެމުން ގެންދިއުމެވެ." މި ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.