މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނީ ބާނާ މަސް ރާއްޖޭގައި ޕްރޮސެސްކުރެވިގެން ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރާއްޖޭގެ މަސްވެރިން ބާނާ މަސް ރާއްޖޭގައި ޕްރޮސެސްކުރެވޭނެ ނިޒާމަކަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ. މިގޮތުން މިފްކޯ ތަރައްޤީ ކުރަން މިހާރު ފަށާފައިވާ ޕްރޮގްރާމް ނިމޭއިރު ރާއްޖޭގައި ބާނާ މަސް އެހެން ގައުމުތަކަށް އެކްސްޕޯޓުކުރެވޭނީ ރާއްޖޭގައި ޕްރޮސެސްކުރެވިގެން ކަމަށް ފައުޒީ ވިދާޅުވިއެވެ.
މި ނިޒާމަށް ތައްޔާރުވުމުގެ ގޮތުން އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މީގެތެރެއިން ބައެއް މާކެޓް ތަކަށް މިހާފު މަސް އެކްސްޕޯޓް ކުރަން ފަށާފައިވާކަން ފައުޒީ ފާހަގަ ކުރެއްވިއެވެ. މިގޮތުން އޭޝިއާގެ މާކެޓް ފައުޒީ ފާހަގަކުރެެއްވިއެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކާ އެއްކޮށް މަޝްވަރާތައް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ އިތުރަށް ވިދާޅުވި ފްކޯގެ ހަޔާތުގައި މަސްވެރިންނަަށް އެންމެ ގިނައިން ފައިސާ ދެވިފައިވާނީ 2019 ވަނަ އަހަރު ކަމަށެވެ. 2019 ވަނަ އަހަރު އެކުންފުންޏަށް 49،000 ޓަނުގެ މަސް ކިރާފައިވާކަމަށާއި، އެއަހަރު މަސްވެރިންނަށް ދިން އާމްދަނީ 903 މިލިއަން ރުފިޔާއާ ކައިރިކުރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ހަވާލުވުމަށްފަހު މިފްކޯއަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވާކަން މަސްވެރިންވެސް ފާހަގަކުރެއެވެ. މިގޮތުން މިފްކޯއަށް ކެރިއަރު ބޯޓަކާއި ދުވާލަކަށް 100 ޓަނުގެ މަސް ގަނެވޭ ބޯޓެއް ގަތުމަކީ މިފްކޯއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަސްވެރިން ބުނެއެވެ.