ރޭ އިރާކޮޅު ފަރަށް އެރި ދާންދޫ ސީސަން ދޯނި ފުންކޮއްފިއެވެ.
މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން އެދޯނީގެ ކެޔޮޅު އަޒްވާރު ބުނީ ދޯނި ފުންވީ އިތުރު ދޯނިތަކެއް ޖަހައިގެން މިއަދުގެ ވަގުތެއްގައި ކަމަށާއި ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށެވެ.
"ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ފަރަށް އެރީ. އެހެންވީމަ ގެއްލުންވާނެތާ ދޯ. ލިބުނު ގެއްލުންތައް ބަލާ ދޯނި މަރާމާތުކުރުމަށް ތިލަފުއްޓަށް އެހެލަންދާން މިއުޅެނީ. ބުދަ ދުވަހު ތިލަފުއްޓަށް ދޯނި ނަގަން ޖާގަ ލިބިފަވަނީ." ކެޔޮޅު ބުންޏެވެ.
1390 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ މި ދޯންޏަަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިންޖީނު އެޅި ދޯންޏެވެ. މި ދޯނި ފަރަށް އެރީ މަސް ކިރުމަށްފަހު ގދ. ކަނޑަހަލަގަލާ ކައިރީގައި އޮތް ބޯޓަށް ތެޔޮއަޅަން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތުލިބެއެވެ. މިހާދިސާގައި އެއްވެސް މަސްވެރިޔަކަށް ގެއްލުމެއް ނުލިބޭކަމަށް މަޢުލޫމާތުލިބެއެވެ.
101 ފޫޓުގެ މި ދޯނި ފަރަށް އަރާފައިވަނީ ރޭ 19:00 ހާއިރު އެވެ. އެ ވަގުތު ދޯނީގައި 32 މަސްވެރިން ތިއްބެވެ.
ސީސަން ދޯންޏަކީ މިހާރު ރާއްޖޭގައި ދުއްވާ ދޯނިފަހަރުތަކުގެތެރެއިން އެންމެ ޒަމާނީ ވަސީލަތްތަށް ޤާއިމްކޮށްފައިވާ ދޯނިތަކުގެތެރޭގައި ހިމެނޭ ދޯންޏެކެވެ. އެގޮތުން ބޯފެން އުފައްދާ ޕްލާންޓެއް ބަހައްޓާ، ލޮނު ފެނުން އައިސް އުފައްދާ ނިޒާމް، އާރުއެސްވީޕީ ސިސްޓަމެއްވެސް މި ދޯނީގައި ވަނީ ބަހައްޓާފައެވެ. ކެޔޮޅު އަޒުވާދު ފާހަގަކުރިގޮތުގައި އާރުއެސްވީޕީއަކީ ވަރަށް ބޭނުންތެރި ސިސްޓަމެއް ކަމަށެވެ.