ލިބާސްހަނދި

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ފުންވިލުތަކުގައި އުޅޭ ހަންޖެކެވެ.

ދިވެހި މަސްވެރިން ނަނުފައްތައިގެން ފަރުފަޅުތަކުގެ ބޭރުންނާއި ވިލުން މިމަސް މަދުމަދުން ބާނާއުޅެއެވެ. މިބާވަތުގެ ކުދިމަސް ކަނޑުގައި އުޅޭ ބިޔަމަސްމަހުގެ ނިވަލުގައި ތިބެ މާކަނޑުތަކުގައި ދަތުރުކޮށްއުޅެއެވެ. މިއީ ކެއުމަށް މީރުމަހެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ހަރުކަށިހުރެއެވެ. އަދި ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 18 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިންހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 4 ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑު ދިމާއިން ބަނޑުދަށްފަރާތުގައްޔާއި ކަރުތާފަތްގަޑުގެ ބުޑުދަށުގައި ހުޅުނބުހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 1.1 މީޓަރަށެވެ.

މިބާވަތުގެ ކުދިމަހުގެ އަނގައިގައި ހުންނަނީ ވަރަށް ކުދި އެހާމެ ބަލި ދަތްތަކެކެވެ. ބޮޑެތި މަހުގެ ތުންފަތް ހުންނަނީ ވަރަށް ބޯކޮށް މަސްޖަހާފައެވެ. މަހުގެ ކުލައަކީ ފެހި ރަންކުލައެކެވެ. ނަމަވެސް ޅަމަހުގައި ހުންނަނީ ރިހިރީނދޫކުލައެކެވެ. މަހުގެ ހުރަހަށް ކަޅުކުލައިގެ ރޮނގުތަކެއް ހުރެއެވެ. މިރޮނގުތަކުގެ ކުލަ މަސްބޮޑެތިވީވީހެން ފަނޑުވަމުންދެއެވެ. މިބާވަތުގެ ބޮޑެތިމަހުގެ ކުރިމަތީގައި ކަޅުކުލައިގެ ލައްތަކެއްހުރެއެވެ. މިއީ ޢާއްމުކޮށް އަޑީގައިއުޅޭ ހަންޖެއްކަމުން ގިނައިން ކައިއުޅެނީ އަޑީގައި އުޅޭ ކަކުނިފާޑުގެ ސޫތްޕާއި، ބޮއްޔާއި ކުދިމަހެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Golden trevally
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!