ދިރޭކުދިމަހުގެ މަސްވެރިކަން ފެށިގެން އައިގޮތާއި މަސްވެރިކަމަށް އައިސްފައިވާ ކުރިއެރުން ދިވެހިރާއްޖޭގައިކުރާ ދިރޭކުދިމަހުގެ މަސްވެރިކަން ފެށިގެން އައިސްފައިވަނީ 1970 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް ބަލައިލާއިރު މި ބާވަތުގެ މަސްވެރިކަން ހިއްސާކުރާ މިންވަރު ނިސްބަތުން ވަރަށް ކުޑައެވެ. މިގޮތުން، ދިރޭކުދިމަސް ހިއްސާކުރަނީ 2010 އިން ފެށިގެން 2019 އާ ހަމައަށް އެކްސްޕޯޓުކުރެވުނު މަހުން ދިވެހިރާއްޖެއަށް ލިބުނު އާމްދަނީގެ އެންމެ %0.39 އެވެ. އެހެންނަމަވެސް، ދިރޭކުދިމަސް އެކްސްޕޯޓުކުރުމުގައި މަހުގެ އަސްލު އަގަށްވުރެ ދަށްކޮށް ރިޕޯޓުކުރާތީ މިއީ، މި މަސްވެރިކަމުން އިޤުތިޞާދަށް ލިބޭ ޙަޤީޤީ މަންފާ ނޫން ކަން ފާހަގަކުރަންޖެހެއެވެ.
ދިރޭކުދިމަހުގެ މަސްވެރިކަން ދިގުމުއްދަތަށް ދެމެހެއްޓުމަށްޓަކައި މި މަސްވެރިކަން ފެށުނީއްސުރެ މިއަދާ ހަމައަށް ތަފާތު ދިރާސާތައް ކޮށްފައިވެއެވެ. މިގޮތުން، 1997 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަރުތަކުގެ ދިރުންތަކަށް އަމާޒުކޮށްގެން ކުރެވޭ ތަފާތު އެކި މަސްވެރިކަމާބެހޭ ދިރާސާއެއް ކޮށް، ރިވިއު ކަރުދާހެއް ތައްޔާރުކޮށްފައިވެއެވެ. މި ކަރުދާހުގައި ދިރޭކުދިމަހުގެ މަސްވެރިކަމަކީ ރާއްޖޭގައި ކުރެވޭ އެހެނިހެން މަސްވެރިކަމަށްވުރެ ދެމެހެއްޓެނިވިގޮތެއްގައި ކުރެވޭ މަސްވެރިކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.
އެ ކަރުދާސް ލިޔެވުނު ދުވަސްވަރުން ފެށިގެން މިއަދާހަމައަށް އައިއިރު ދިރޭކުދިމަހުގެ މަސްވެރިކަން ހަލުއިކަމާ އެކު ފުޅާވެ، މަސް ބޭރުކުރެވޭ މިންވަރުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.