މަސްވެރިކަމާއި ގުޅޭ

ހުއިފަތު ބޮއްމަސް

މިބާވަތުގެ ބޮއްމަހަކީ އެހެނިހެން ބޮއްމަހާއި ޚިލާފަށް މޫދުގެ މަތީބައިގައި އުޅޭ ބޮއްމަހެކެވެ. މިއީ ކުޑައިސްކޮޅެއްގެ މަހެކެވެ.

މިމަސް އެންމެ ބޮޑުވަނީ 19 ސެންޓިމީޓަރަށެވެ. ދިވެހިން ކެއުމަށް ބޭނުންކޮށް މަހެއްނޫނެވެ. މިބާވަތުގެ ބޮއްމަހަށް ކިޔާ ވަކި ޚާއްސަނަމެއް ރާއްޖޭގައި ކިޔާކަމަށް ރެކޯޑްކުރެވިފައި ނުވާތީ މަހަށް ކިޔާ އިގިރޭސިނަމާއި ގުޅުވާ، މަހުގެ އުޅުމަށާއި ސިފައަށް ވިސްނާ މިމަހަށް "ހުއިފަތު ބޮއްމަސް " ކިޔާ ނަންދީފައިވަނީއެވެ. ހުއިފަތު ބޮއްމަސް ރާއްޖެއިން ގިނައިން ފެނިފައި ހުންނަނީ އިރުވައި މޫސުމުގެ މަޑު ދުވަސްވަރު ރާއްޖޭގެ އިރުމަތީ ފަރާތަށް ގޮނޑުވާ ހުއިފަތް ތަކުގެ ތެރެއިން އެ ހުއިފަތްތަކާއި އެއްކުލައަށް ހަށިގަޑުގެ ކުލަ ބަދަލުކޮށްލައިގެން މަޑުމަޑުން އޮޔާ ދަތުރުކުރާ ތަނެވެ.

އެހެނިހެން ބޮއްމަހެކޭ އެއްބީދައިން މިބާވަތުގެ މަހުގެ ބުރަކަށިމަތީގެ ފުރަތަމަ ކޮތަރީގެ ފުރަތަމަ ކަށި "ވަދެއް" ގެ ސިފައިގައި އުފެދި އެހެނިހެން ކުދި މަސްމަހާމެހި އޭގެ ގާތަށް ގެންނަކަހަލަ ކޫއްތުމެއް ކޫއްތާހަދައެވެ. މިގޮތަށް ގާތްވާމަސް ޝިކާރަކޮށް ހަދައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހުންނަ 3 ހަރުކަށި ހުންނަނީ އެއްކަށި އަނެއްކަށްޓާ ވަކިވަކިން ދުރުގައެވެ.

މަހުގެ ހަންގަޑު އޮމާނެވެ. މަހުގައި ހުންނަނީ ހުއިފަތު ފެހިކުލައެކެވެ. މުޅި މަހުގައި ފަނޑު މުށިކުލައަކުން ކުރެހުންތަކެއް އެޅިފައި ހުރެއެވެ. މަހުގެ ބަނޑުދަށުގެ ކުލަ ފަނޑުވާނެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Sargassum frogfish
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!