ދޮން މިޔަރު

ދޮން މިޔަރަކީ މެދުއިސްކޮޅެއްގެ މިޔަރެކެވެ.

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައިއުޅޭ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރެކެވެ. މިމިޔަރު އަތޮޅުންބޭރު މާކަނޑުތަކުގައިވެސް އުޅޭކަމަށްވެއެވެ. އަދި ބައެއްފަހަރު ވަރަށް ތިލަ ހިސާބުތަކުންވެސް ފެނެ އެވެ. މިބާވަތުގެ މިޔަރު ގާތްގަޑަކަށް 140 މީޓަރު އަޑިންވެސް ހިފިފައިވާކަމަށްވެއެވެ. ދޮން މިޔަރު ވިހާފަހަރަކު ގާތްގަޑަކަށް 3 އާއި 6 އާ ދެމެދުގެ ޢަދަދަކަށް ވިހާކަމަށްވެއެވެ. އަދި ވިހާ ޅަމިޔަރުގެ އިސްކޮޅަކީ ގާތްގަޑަކަށް 45 ސެންޓިމީޓަރާއި 60 ސެންޓިމީޓަރާ ދެމެދެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަޑަކަށް 1.6 މީޓަރަށެވެ.
ހުމީ އާދައިގެ ވަރަކަށް ފަލަ، އަދި ތުންކޮޅަށް ދިގު މިޔަރެކެވެ. މަތީބައިގެ ކުލައަކީ އަޅި ނުވަތަ އަޅިމުށިކުލައެކެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މިބާވަތުގެ މިޔަރުގެ ކަންފަތާއި، ބުރަކަށިމަތީގެ ދެވަނަ އުރަހައާއި، ނިގޫފަތުގެ ތިރީބައިގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ. އަދި މިޔަރުގެ ބުރަކަށިމަތީގެ ފުރަތަމަ އުރަހައާއި ނިގޫފަތުގެ މަތީބައިގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ދޮން މިޔަރުގެ ޢާއްމުކާނާއަކީ ކުދިމަހާއި ބޯވައެވެ. މިބާވަތުގެ މިޔަރަކީ ކެއުމަށް ރަގަޅު އަދި މިޔަރު އުރަހައިގެ ވިޔަފާރިއަށް އުރަހަ ބޭނުންކުރެވޭނެ މިޔަރެކެވެ.

އިނގިރޭސި ނަން: Spottail shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!