މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އިކޮނޮމިކް ބުލެޓިންގ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެއިން ވަނީ 19222 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ މަހުގެ އަދަދާއި އަޅާ ބަލާއިރު 87 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއިން މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވަނީ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓުކުރާ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓުކޮށްފައިވާ މިންވަރުވަނީ 123 އިންސައްތަ އިތުރުވެފައެވެ.
މީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ގަނޑުކުރި އަދި ތާޒާ ރީނދޫ އުރަޙަ ކަންނެލި ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ.
ތިންވަނަ ކުއާޓަރުގައި ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު އިތުރުވި ނަމަވެސް އެ ކުއާޓަރުގެތެރޭގައި މަސް ކުންފުނިތަކުން މަސް ގަތް މިންވަރުވަނީ ދަށްވެފައެވެ.



