މިމަހުގެ 10 ވަނަ ދުވަހު ކ.ގާފަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ 41 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން، މަސްވެރިންގެ ފޯރަމެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު އެރަށުގައި ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއްޖެއެެވެ.
މަސްވެރިންގެ މުނާސަބަތުގައި މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ކުރިއަށްގެންދާ މި ފޯރަމް ބޭއްވުމުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ސީދާ އެ ސިނާޢަތުގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ކިބައިން ދެނެގަނެ އެކަންކަން ހައްލުކުމަށް މަސައްކަތްކުރުމެވެ.
މި ފޯރަމްގައި މަސްވެރިންނާއި އޮޑިވެރިން އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި، މަސްވެރިކަމުގެ އުޅަނދުފަހަރަށް އަންނަމުންދާ ބަދަލުތަކާއި ފަސްވަނަ ޖެނެރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށް، މޯލްޑިވެސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރޒް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އިން ތަރައްޤީކޮށްފައިވާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަދި މީގެއިތުރުން ދިރޭއެމުގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ނޫރާއްޖެ ޕްރޮގްރާމް ގެ ތަޢާރަފްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތުދެއްވާ.
މީގެ އިތުރުން ވެސް މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކ.ގާފަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


