ހއ. ހޯރަފުށީގައި ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.
ހޯރަފުށީ އައިސް ޕްލާންޓްހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާއި ޗަމްޕާ ބްރަދާސްގެ ޗެއަމަން މުޙައްމަދު މޫސާއެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްއެއްގެ ދަށުން ޗަމްޕާ ބްރަދާސްއިން 4.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ހޯރަފުށީ އައިސްޕްލާންޓަކީ، ރާއްޖޭގެ އެންމެ އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.
މިރަސްމިއްޔާތުގައި މިފްކޯގެ ޗީފް ފައިނޭންސިންގ އޮފިސަރ އިލްޔާސް ހަނީފް ވިދާޅުވީ، މަސްވެރިންނަށް ފަސޭހަ އިންތިޒާމުގެ ތެރެއިން އައިސް ލިބޭނެ އިންތިޒާމް ޤާއިމްކުރުމަކީ ފެންވަރު ރަނގަޅު މަހުގެ ބާވަތްތައް އުފައްދައި ބޭރުކުރުމަށް މުހިއްމުކަމެއްކަމަށެވެ. މިއަދު ހޯރަފުށީގެ އިތުރުން ގާފަރާއި، މަޑުއްވަރީގެ އިތުރުން ފެލިވަރުގައިވެސް އައިސް ޕްލާންޓެއް ހުޅުވިފައިވާއިރު، މިއާއެކު މިފްކޯއިން ބަލަހައްޓާ އައިސްޕްލާންޓްތަކުގެ އަދަދު 17 އިތުރުވެފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.