ފެލިވަރުގައި ބަންދުކޮށްފައި ބާކީ ހުންނަ މަސް މޮރިޝަސްއަށް ގެންގޮސް އެ މަސް މިފްކޯއިން ދަޅުގައި ބަންދުކޮށްގެން ޔޫރަޕަށް ބޭރުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ލިބޭނީ ބާނާ ހުރިހާ މަހެއް ދަޅުގައި ބަންދުކުރެވިގެން ކަމަށެވެ. އެހެންނަމަވެސް ފެލިވަރުގައި ބަންދުކުރެވެނީ ދުވާލަކު އެންމެ ގިނަވެގެން 50 ޓަނު ކަމަށާއި، އެއީ ދުވާލަކު ދެތިން ދޯނިން ބާނާ މަހުގެ އަދަދުކަން އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު ވިދާޅުވީ މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައ ފެލިވަރު އަދި ކޫއްޑޫ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއު ފަށާފައިވާ ކަަމަށެވެ. އެހެން ނަމަވެސް އާ ފެކްޓްރީ އެޅެންދެންވެސް ގެއްލުމުގައި ތައިލެންޑަށް މަސް ވިއްކުމުގެ ބަދަލުގައި ކުރެވިދާނެ މަސައްކަތްތަށް ބަލަމުންދާ ކަމަށެވެ. އެގޮތުން މޮރިޝަސްގައި ރާއްޖޭގެ މަސްދަޅު ބަންދުކުރަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އަމްރު ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހަށް މިހާރަށްވުރެ ރަގަޅު އަގެއް ލިބެންއޮތީ ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖެއިން މަސް އެއްކްސްޕޯޓުކުރުން ހުއްޓާލައި، ދަޅުގައި ނުވަތަ އެހެންވެސް ގޮތްގޮތުން މަހުގެ އުފެއްދުންތައް އުފައްދައި އެކްސްޕޯޓުކޮށްގެންނެވެ. އެހެންނަމަވެސް، ބާނާ ހުރިހާ މަހުން އަގު އެއްކުރި މަހުގެ އުފެއްދުންތައް އުފެއްދޭނެ ކެޕޭސިޓީއެއް މިވަގުތު ރާއްޖޭގައި ނެތެވެ.