Meedhoo Iceplant

މިފްކޯގެ އައިހުގެ ކެޕޭސިޓީ 835 ޓަނަށް

ރާއްޖޭގެ އެކި ހިސާބުތަކުގައި ޤައިމްކޮށްފައިވާ އައިސް ޕްލާންޓުތަކުން ޖުމްލަ 835 ޓަނުގެ އައިސް ފޯރުކޮށްދިނުމުގެ ޤާބިލްކަން އެބަހުރިކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިން ކިރަން އަންނަ މަހުގެ ކޮލިޓީއާއި އައިސް އާއި ބޮޑު ގުޅުމެއްވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ ނަމަ މަހުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ.

" ބާނާ މަސް އިތުރުވަމުން އަންނާތީ ކޮލިޓީގެ އިޝޫސްތަކެއް ދިމާވޭ، ރަށްރަށުގެ އައިސްޕްލާންޓުތަށް ކުދިވީމަ، ބޭނުންވާ ވަރަށް އައިސް ނުލިބޭތީ، އެހެން ވީމާ ސަރުކާރުން މަސައްކަތް އެބަ ކުރޭ މިކަންތައްތަކަށް ހައްލު ހޯދުމަށް" އިސްމާއިލް ވިދާޅުވިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހު ސަރުކާރުންވަނީ 4 އައިސްޕްލާންޓެއް ހުޅުވާފައެވެ. މިހަތަރު އައިސްޕްލާންޓަކީ ޅ. ފެލިވަރާއި ރ. މަޑުއްވަރިއާ ކ. ގާފަރުގެ އިތުރު ހއ. ހޯރަފުއްޓެވެ. މީގެތެރެއިން އެންމެ ބޮޑު ކެޕޭސިޓީއެއް ގާއިމް ކޮށްފައި ވަނީ ފެލިވަރުގައެވެ. އެއީ 50 ޓަނުގެ އައިސް ޕްލާންޓެވެ. ދެން ކޮންމެ ރަށެއްގައި ގާއިމް ކޮށްފައި ވަނީ 25 ޓަނުގެ އައިސް ޕްލާންޓެވެ.

ސީއީއޯ ފައުޒީ ވިދާޅުވީ ކުރިއަށްވެސް 13 އައިސްޕްލާންޓެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!