ހުވަދޫ އަތޮޅުގައި މަސްވެރިން ތިޔާގިވެ، މަސް ކިރަން ދޯނިފަހަރު ކޫއްޑޫގައި ކިޔޫ ހަދާލައިފިއެވެ.
ގއ. ކަނޑުހުޅުދޫ، ސީހޯސް 3 ދޯނީގެ ޝާމިޒު ހަސަން މި ނޫހަށް ބުނީ، އެ ދޯނި މަސް ކިރަން ދިޔައީ ރޭ 7:30 ހާއިރު ކަމަށެވެ. އެހެންނަމަވެސް ކިއު ނަމްބަރު ނަގައިގެން މަސްކިރޭވަރުވީ މިއަދު ހެނދުނު ކަމަށެވެ.
"ރޭ އިރާކޮޅު ކޫއްޑޫއަށް އާދެވުނީ. އޭރުވެސް ކިޔޫގައި 18 ދޯނި އޮތް. މަަސްކިރޭނެކަމުގެ ޔަގީންކަމެވެސް ނެތް އައިއިރަކު. މިހާރު މަސްކިރާފައި ރަށަށް މިދަނީ" ޝާމިޒު ބުންޏެވެ.
މަސް ކިރުމުގައި ދަތިކަން މި އައީ މަސްވެރިކަން ތިޔާގި ވުމުން ކަމަށް އޭނާ ބުންޏެވެ. މިދިޔަ މަހުން ފެށިގެން މަސްވެރިކަން ރަނގަޅު ކަމަށް ބުނަމުން، ދުވާލެއްގެ މައްޗަށް 10 ޓަނު ބޭނޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

"އަޅުގަނޑުމެން ހަފްތާ ދެހަތްފާ ވަންދެން މި އުޅެންޖެހެނީ ކަނޑުމަތީގަ. މި ލިބެނީ ހުކުރު ދުވަސް ރަށަށް ދާން، އަނބިދަރިން ކައިރިއަށް ދާން. މިގޮތަށް ލިބޭ ދުވަސްވެސް މި ހޭދަކުރަން ޖެހޭނީ ކަނޑުމަތީގައި" މަސް ކިރުން ލަސްވެ ޝާމިދުގެ ނުރުހުން ފާޅުކުރި އެވެ.
މިވަގުތުވެސް ކޫއްޑޫގައި 80 ވަރަކަށް ޓަނު މަހާއި އެކު 8 ދޯނި ކިއުގައި އެބައޮތްކަމަށާއި އެދޯނިތަކުގެ މަސްކިރޭނެ ވަގުތެއް ނޭގޭ ކަމަށް ޝާމިޒް ބުންޏެވެ.
ފާއިތުވި ދުވަސްތަކުގައި ދެކުނުގެ މަސްވެރިކަން ވަނީ ވަރަށް ބޮޑަށް ރަގަޅުވެފައެވެ. އެހެންކަމުން ކޫއްޑޫގައި މިހާރު ހުރި ކެޕޭސިޓީއަށް ބަލާއިރު، ގިނަ އަދަދަކަށް މަސްބާނާ ދުވަހެއްގައި މަސްކިރުމަށް ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ.
ޝާމިޒު ބުނީ މިދިޔަ ސަރުކާރުގައި ކިލޯ ހުރީ 20 ރުފިޔާއަށް ކަމަށެވެ. ނަމަވެސް މިހާރު ކިލޯ ހުރީ 16 ރުފިޔާއަށް ކަމަށެވެ. އަވަސް މުސްތަގުބަލެއްގައި އަގު މަތިވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
ގިނަ ދޯނިތަކުން ވަރަށް ރަގަޅަށް މަސްބާނާފައިވުމުގެ ސަބަބުން ކޫއްޑޫއިން އަންނަނީ ދޯނިތަކަށް ނަމްބަރު ދޫކޮށް، އެ ނަމްބަރު ތަރުތީބުން މަސްކިރަމުންނެވެ.
މަސްކިރުމުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުންވަނީ ކޫއްޑޫ ތަރައްގީކުރުމުގެ މަޝްރޫއެއް އިއުލާނުކޮށްފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާއިރު، މި މަޝްރޫއު ނިމިގެންދާއިރު، ކޫއްޑޫގެ ޖެޓީ ބޮޑުކުރެވި، މަސް ރައްކާ ކުރާނެ ޖާގެ ބޮޑުކުރެވިގެން ދާނެކަމަށާއި މިވަގުތު މަސްވެރިންނަށް މަސްކިރުމަށް ދިމާވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.



