ސްޕޯޓްސް ފިޝިންގ މަސައްކަތް ކުރާ މީހުންނަށް ރިސޯޓުތަކުން ހުރަސް އަޅަނީ

މަސްވެރިއަކު ދޮށީގައި މަހެއް ބާނަނީ - ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިންގ
މަސްވެރިއަކު ދޮށީގައި މަހެއް ބާނަނީ - ފޮޓޯ: އައްޑޫ ސްޕޯޓްސް ފިޝިންގ

ސްޕޯޓްސް ފިޝިންގެ މަސައްކަތް ކުރާ މީހުންނަށް ރިސޯޓްތުން ހުރަސް އަޅާ ކަމަށް އެ މަސައްކަތް ކުރާ މީހުން ބުނަން ފަށައިފިއެވެ.

ސްޕޯޓްސް ފިޝިންގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރިސޯޓްތަކުން ކަންކުރާ ގޮތް ކަމަށް ދ. އަތޮޅުގައި ސްޕޯޓްސް ފިޝިންގެ މަސައްކަތް ކުރާ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ވަރަށް ބޮޑު ހަރަދެއް ކޮށްގެން ސޯޝަލް މީޑިޔާގައި މާކެޓް ކުރުމުން، ސީދާ ސްޕޯޓްސް ފިޝިން ތަޖުރިބާ ކޮށްލަންވެސް ފަތުރުވެރިން އަންނަ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުން ބުނެއެވެ.. އަދި ކައިރި ރިސޯޓުތައް ހުންނަ ވާހަކަ ބުނުމުން، ފަތުރުވެރިން ރާއްޖެ އައިސް ތިބެނީ ރިސޯޓުގައި ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ފަހަރަށް ރިސޯޓުން އެމީހަކަށް ނުދެވިގެން އެއްކަލަ ދަތުރު އެބަ ކެންސަލް ވޭ. ރިސޯޓުން އެ ހުއްދަ ނުދީގެން. ބައެއް ގެސްޓުން އެބަހުރި ރިސޯޓު މީހުންނާ ޒުވާބު ކޮށްފަ، އެހެން ރިސޯޓުތަކަށް ބަދަލުވެފަ" އޭނާ ކިޔައިދިނެވެ.

މަސް ބާނަންދާ ބައެއް ފަތުރުވެރިން ރާއްޖެ އަންނަނީ ހަނީމޫން ހެދުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކުރަން ކަމަށް ވުމާއެކު، އެމީހުން ރާއްޖެ އަންނައިރު މަސްބާނާ ގިނަ ސާމާނުތައް ގެންނަން ބޭނުމެއް ނުވެއެވެ. އެހެންކަމުން ރަނގަޅު ފެންވަރެއްގެ ތަކެތި ބޭނުންކޮށްގެން ސްޕޯޓްސް ފިޝިންގެ މަސައްކަތް ކުރާ މީހަކާއެކު މަހަށް ގޮސްލަން ފަތުރުވެރިން ބޭނުންވެއެވެ.

އެފަދަ މީހަކު 'ހާފް ޑޭ' ގައި ސްޕޯޓްސް ފިޝިންއަށް ގޮސްލަން ބޭނުން ވީ ނަމަވެސް ގިނަ ފަހަރު ރިސޯޓްތަކުން ދަނީ ވަދުއެޅުމުގެ މަސްވެރިކަމަށެވެ. އެހެންކަމުން ސްޕޯޓްސް ފިޝިންގެ މަސައްކަތް ކުރާ މީހުނާ ދިމާއަށް ފަތުރުވެރިންގެ ލޯތައް އަމާޒުވެއެވެ.

ނަމަވެސް ބައެއް ރިސޯޓުތަކުން މިކަމަށް ހުރަހަކަށް ވުމުން ސްޕޯޓްސް ފިޝިންގައި އުޅޭ މީހުނަށްވެސް އޭގެ ގެއްލުން ވެއެވެ.

މި މަސައްކަތް ކުރާ ބައެއް މީހުން ބުނާ ގޮތުގައި، އެމީހުން އެދުމުން، އެމީހުނާއެކު ފަތުރުވެރިން މަހަށް ފޮނުވަން ރިސޯޓްތަކުން ބައެއް ފަހަރު ޖެހިލުންވެއެވެ. ނަމަވެސް ރިސޯޓުން ބޭނުންވެގެން ފަތުރުވެރިން ސްޕޯޓްސް ފިޝިންއަށް ފޮނުވާއިރު އެ މަސައްކަތް ކުރާ މީހުނަށް ގުޅައިގެން ފަތުރުވެރިން މަހަށް ފޮނުވުން ރިސޯޓްތަކަށް މައްސަލައަކަށް ނުވާކަމަށް އެ މަސައްކަތް ކުރާ މީހުން ފާހަގަ ކުރެއެވެ.

"ބައެއް ފަހަރު ތަންކޮޅެއް ހައިއެންޑޯޒް މީހަކު އައީ ރިސޯޓަށް. އައިއްސަ އޭނަ މި ބުނަނީ ތިމަންނަ ބޭނުމޭ މިވަނި ބޯޓަކުން މަހަށް ދާން. ތިމަންނައަށް ގެންނާށޭ މިވަނި ބޯޓެއް. އެހާލަތުގައި އަޅުގަނޑުމެންނަށް (ރިސޯޓުން) ގުޅައިގެން އަޅުގަނޑުމެންނަށް މަހަށް ދެވޭ. އަޅުގަނޑުމެން ބޭނުންވީމަ ކީއްވެހޭ ރިސޯޓުގަ ހުރި މީހާ ގޮވައިގެން މަހަށް ނުދެވެނީ" ސްޕޯޓްސް ފިޝިންގެ މަސްވެރިން ޝަކުވާ އުފުލިއެވެ.

ސްޕޯޓްސް ޕިޝިންގެ ދާއިރާއަށް ގިނަ އަދަދެއްގަ ޒުވާނުންވެސް ނުކުމެ އުޅޭއިރު، މި މައްސަލަ ހައްލު ވެއްޖެނަމަ އެ ފަރާތްތަކަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި ސިނާއަތް ކުރިއަރުވާ ރިސޯޓުތަކާއި މަޝްވަރާކޮށް މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ