6 މަސްވެރިން ދޮށިއަޅައިގެން ހއ. އިހަވަންދޫ، މާހޯރަ 4 ދޯނިން 17 ޓަނު މަސް އިއްޔެ ބާނައިފިއެވެ.
މާހޯރަ 4 ދޯނި އިއްޔެ ބޭނި 17 ޓަނު މަހުގެ އިތުރަށް ދޯނިން ކުރީދުވަހު ބޭނި 8 ޓަނު މަސް ހުރީ ރައްކާކޮށްފައެވެ. މަދު ފަޅުވެރިން ކޮޅަކާއިއެކު މަހަށް ނުކުތް މާހޯރަ 4 ދޯނި މަސްކިރަން ފެލިވަރަށް އިއްޔެ ގޮސްފައިވަނީ ޖުމްލަ 25 ޓަނު މަހާއިއެކުގައެވެ. އެހެންނަމަވެސް، ފެލިވަރުން އައިސް ނުލިބުމާއި އަދި މަސްކިރުން ލަސްވުމުގެ ޝަކުވާ އެ ދޯނީގެ ފަޅުވެރިން ވަނީކޮށްފައެވެ.
އިއްޔެ ފެލިވަރުގައި ކިއު ޖެހިގެން މާހޯރަ 4 ދޯނިވަނީ 18 ޓަނު މަސް ކިރުވާފައެވެ. ދޯނިން މައުލޫމާތު ދިން މަސްވެރިއަކު ބުނީ ފެލިވަރުގައި މަސްކިރަމުން ދިޔަ ބޯޓުގެ ޖާގަ ފުލް ވުމުގެ ސަބަބުން އިއްޔެ މަސްކިރުންވަނީ މެދުކަނޑާލާފައި ކަމަށެވެ. އެހެންކަމުން އެދޯނި މިއަދުވެސް އެއޮތީ މަހަށް ނުދެވި ފެލިވަރު ކިއުގައެވެ.

އިހަވަންދޫގެ މަސްވެރިކަން ކުރިއެރުވުމުގައި މަސައްކަތްކުރާ 'މަސްވެރި އިހަވަންދޫ' އިން މައުލޫމާތުދޭގޮތުގައި އިހަވަންދޫ ހިސާބުގައި މަސް ކިރާނެ ބޯޓެއް ނެތުމަކީވެސް މަސްވެރިންނަށް ދިމާވެފައިވާ ދައްޗެއް ކަމަށެވެ. އަދި މިހާރު މަސް ކިރުވުމަށް ދިގު ދަތުރެއް ކުރަން ޖެހޭއިރު އައިސް ލިބުމުގައިވެސް ދަތިތަށް ހުރުމަކީ މަހުގެ ކޮލިޓީއަށް އަސަރުކޮށް މަސްވެރިންނަށް ލިބޭ އާމްދަނީއަށް އަސަރުކުރާ ކަމެއް ކަމަށް މަސްވެރިން އިހަވަންދޫން ފާހަގަކުރެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މިއާ އެކު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ ގިނަ ވަގުތު ކިއުގައި ތިބެން ޖެހުމުން މަސްވެރިކަމަށް ނެދެވި ގިނަ ވަޤުތުތަކެއް ހޭދަވާ ކަމެވެ.
One Response
މާހޯރަ ހަތަރު ދޯނި (މާހޯރަ 4 ދޯނި).......މިކަހަލަ ކުށްތައް ރަނގަޅު ކޮށްލަން ފެނޭ.