މަސްވެރިންގެ ދަފްތަރު ތައްޔާރު ކުރުމުގެ މަސައްކަތް ހދ. ހަނިމާދޫ ކައުންސިލުން ފަށައިފިއެވެ.
އެރަށު ކައުންސިލުން ވިދާޅުވީ ރަށުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ މަސްވެރިންނަށާއި އޮޑިވެރިންނާއި މަސްގަނެ ވިއްކާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. އަދި މި ދަފްތަރު އެކުލަވާލުމަށް މަސްވެރިކަމުގެ ސިނާއަތުގައި ރަޖިސްޓްރީވާން ބޭނުންވާ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތަކުން މިމަހުގެ 31ވަނަ ދުވަހުގެ 14:00 ގެ ކުރިން މައުލޫމާތު ހިމެނޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެއިދާރާއަށް ހުށަހެޅުމަށްވެސް ކައުންސިލް އިދާރާއިންވަނީ އެދިފައެވެ.
ހަނިމާދޫ ކައިންސިލުން ވިދާޅުވީ ފޯމް އެ އިދާރާގެ ކައުންޓަރުން ލިބޭނެ ކަމަށެވެ.
މަސްވެރިންގެ ދަފްތަރެއް އެކުލަވާ، ބެލެހެއްޓުމަކީ މަސްވެރިކަމުގެ ގާނޫނުން ފިޝަރީޒް މިނިސްޓްރީއަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު، 14/2019 ގެ 9ވަނަ މާއްދާގައި މަސްވެރިކަމާގުޅޭ ދަފްތަރެއް އެކުލަވާލުމަށް ފިޝަރީޒް މިނިސްޓްރީއަށް ލާޒިމްކުރެއެވެ. އެ މާއްދާގެ ހ. ގައި ބުނަނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިންނާ، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑި ދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއިން އެ ދަފްތަރު ލިޔެ ބަލަހައްޓަން ވާނެކަމަށެވެ.