އިނގިރޭސިވިލާތުގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އެޤައުމުގެ ސަރުކާރުން 75 މިލިއަން ޕައުންޑު ނުވަތަ 100 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓެއް ކުރުމަށް ނިންމައިފިއެވެ.
އެގޮތުން މި ފަންޑިންގެ ދަށުން އެޤައުމުގެ މަސްވެރި ބަނދަރުތަށް ތަރައްޤީކޮށް، މަސް ޕްރޮސެސްކުރާ ފެސިލިޓީތަކަށްވެސް ޒަމާނީ ބަދަލުތަށް ގެނެސް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކުރެއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައްވަނީ ސަރުކާރުގެ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ.
ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތްވަކިވިފަހުން އެޤައުމުގެ މަސްވެރިކަމުގެ ސިނާއަތަށްވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެޤައުމުން ޔޫރަޕްގެ އެހެން ޤައުމުތަކަށް އެކްސްޕޯޓުކުރާ މަސް ކަސްޓަމްސްއިން ބަލާނީ އެހެން މިންގަނޑަކުންނެވެ. މިއާއެކު ކަސްޓަމްސްގައި ހޭދަވާ ވަގުތު އިތުރުވެގެންދެއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކުރާގޮތުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސްވެރި ބަނދަރުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް، ޕްރޮސެސިންގ ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކޮށް، އިތުރަށް ތަރައްޤީކުރުމަށް 65 މިލިއަން ޕައުންޑް ޙަރަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ސިނާއަތަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް 10 މިލިއަން ޕައުންޑު ޙަރަދުކުރުމަށް ނިންމާފައިވާ ކަމަށްވެސް އިނގިރޭސި ސަރުކާރުން ހާމަކުރެއެވެ.



