މާދަމާއިން ފެށިގެން އެއްވެސް ކޮންޓްރޯލްކުރުމެއް ނެތި މިފްކޯގެ ފެލިވަރު ބަނދަރުން މަސް ގަންނަމުން ދާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގައި ހުރި މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސްކިރަމުންދާތީ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސް ކިރުވުމަށް ދަތިތަކެއް ދިމާވެ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން ދިޔައީ ކޮންޓްރޯލްކޮށްގެންނެވެ. އެގޮތުން މަސް ގަންނަމުން ދަނީ ކޮންމެ ދޯންޏަކުން 5 ޓަނުގެ މަހެވެ.
— Masverin (@MasverinNews) December 24, 2021
މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަސްވެރިކަން ދަށްވުމާއި ގުޅިގެން މިފްކޯގެ ފެލިވަރަށް ގަނެވޭމަސް މެނޭޖުކުރެވޭތީ 29 ޑިސެމްބަރ 2021ން ފެށިގެން ކޮންޓްރޯލް ކުރުމެއްނެތި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަދި އެ ބަނދަރުގައިވާ ބޯޓު ފަހަރަށް މަސްގަންނަމުންދާނެކަމަށެވެ.
އެހެންނަމަވެސް ދެކުނުގައި މަސްކިރާ ކޫއްޑޫއާއި އަދި ބޯޓުފަހަރުތަކަށް މަސްގަންނަމުން ދާނީ ކުރިންވެސް ކޮންޓްރޯލްކޮށްގެން މަސްގަންނަމުންދާ އަދަދަށެވެ. އެއީ ދުވާލަކު ދޯންޏަކުން 5 ޓަނު މަހެވެ.
މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްގަތުން ކޮންޓްރޯލް ކުރުމަކީ މަސްވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި މިއީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. މިކަންކަން ހައްލުކޮށްދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް މަސްވެރިން ބުނެއެވެ.