މަސްވެރިންނަށް ވެވޭ އިހުމާލަކީ ގައުމުގެ އިގްތިސޯދަށް އަންނަ ލޮޅުމެއް ކަމަށާއި މަސްވެރިންގެ ހައްގުތައް ރައްކާތެރި ކޮށްދޭން މަސްވެރިން ގޮވާލަން ފަށައިފިއެވެ.
ގައުމުގެ އިގުތިސޯދަށް ހެޔޮ އަސަރު ކުރާނީވެސް އަދި ވެރިކަމަށް އަންނަ މީހަކަށް އެކަން ހާސިލު ކުރަން ފަސޭހަ ވާނީވެސް މަސްވެރިންގެ ހައްގުތައް ރައްކާތެރި ކޮށްގެންކަން ފޭސްބުކްގައި މަސްވެރިއަކު ފާހަގަ ކުރިއެވެ.
އެގޮތުން އޭނާ ނެގި މިސާލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެވަނަ ދައުރެއް ނުލިބުނު ގޮތެވެ. ބްރިޖާއި ފްލެޓްބަރި އަޅައިގެން މީހަކަށް ތާއީދު އިތުރު ވާނަމަ، ކުރީގެ ރައީސް ޔާމީނަށް އަލުން ވެރިކަން ލިބުނީސް ކަމަށް އޭނާ ފާހަގަ ކުރިއެވެ.
ނަމަވެސް ރައްޔިތުން މިނެކިރަނީ ވަރަށް ތަފާތުކޮށްކަން ފާހަގަކޮށް އޭނާ ބުނި ގޮތުގައި ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ޖީބުން ކުރެވޭ ހަރަދު މަދުވެ، ރައްޔިތުންގެ ޖީބަށް އިތުރު ފައިސާ ވަންނާނެ ގޮތެއް ސަރުކާރުން ފޯރުކޮށްދިނުން ކަމަށެވެ.
މަސްވެރިންނަކީ މި ގައުމުގެ ނިކަމެތި ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދައިދޭ، ހުރިހާ ގޭބިސީތަކާ ގުޅިފައިވާ ބައެއް ކަަމަށް އޭނާ ބުންޏެވެ.
މި ވެރިކަމުގެ ދައުރުގެ ވެސް ތިން އަހަރު ފާއިތުވެއްޖެ ކަމަށް ބުނަމުން އޭނާ ގޮވާލީ މަސްވެރިންނަށް އިހުމާލު ނުވުމަށެވެ. ސަބަބަކީ މަސްވެރިންނަށް ވެވޭ އިހުމާލަކީ ގައުމުގެ އިގްތިސޯދަށް އަންނަ ލޮޅުމެއް ކަމަށް ވާތީކަން އޭނާ ފާހަގަ ކުރިއެެވެ.


