ފެލިވަރުގައި އޮތް މިފްކޯގެ 100 ޓަނުގެ މަސް ގަނެވޭ ބޯޓު ހުވަދު އަތޮޅަށް ބަދަލުކޮށްދިނުމަށް އެ އަތޮޅުގެ މަސްވެރިން ދަނީ އެދެމުންނެވެ.
ހުވަދު އަތޮޅަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އަތޮޅެވެ. އަދި އެ އަތޮޅަކީ ޒަމާނުއްސުރެ މަސްވެރިކަން ރަނގަޅު އަތޮޅެކެވެ. ހުވަދުއަތޮޅުގައި 200 އަށްވުރެ ގިނަ މަސް ދޯނި މަސްވެރިކަމުގައި ބޭނުންކުރަމުންދާއިރު، މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު މަސްވެރިންނަށް މަސް ކިރުވުމަށް ގިނަ ދަތިތަކާއި ދިމާވެއެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވުނީއްސުރެ ހުވަދު އަތޮޅުގެ މަސްވެރިން މަސްކިރަމުންދަނީ ކޫއްޑޫއަށެވެ. 1996ގައި ކޫއްޑޫ އުފެދުނީއްސުރެ ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ކޫއްޑޫއަށް އެކަށީގެންވާ ތަރައްގީއެއް ގެނެވިފައިނުވެއެވެ.
އެހެންކަމުން މަސް ކިރުވުމަށް މިހާރު ހުރި ދަތިތަކަށް މިފްކޯއިން މިފަހުން ގެނައި މަސް ބޯޓު ހުވަދު އަތޮޅަށް ގެނެސްދިނުމުން ހައްލު ލިބިގެންދާނެ ކަމަށް މަސްވެރިން ބުނެއެވެ.
މިފްކޯގެ މަސް ބޯޓުތަށް މިހާރުވެސް ހުވަދު އަތޮޅުގައި ހަރަކާތްތެރިވެއެވެ. އެހެން ނަމަވެސް މިއީ ޖާގަ ކުޑަ ބޯޓުތަކަކަށްވުމުން ދެތިން ބޯޓު މަސް ކިރާއިރަށް ކެޕޭސިޓީ ފުލްވާ ކަމަށް މަސްވެރިން ބުނެއެވެ.
" ފެލިވަރު ކޮޅުން މިހާރު މަސް ނުބާނާއިރު، ރަނގަޅެއް ނޫންތޯ އެ ބޯޓު ހުވަދު ކޮޅަށް ގެނެސްދޭން، ވަރަށް މަސައްކަތް އެބަކުރަން، ކަމާއި ގުޅޭ ފަރާތްތަކާއި އެބަ ވާހަކަވެސް ދައްކަން މި ބޯޓު ހުވަދު ކޮޅަށް ގެނެވޭތޯ، މި ބޯޓު ހުވަދު ކޮޅަށް ގެނެވިއްޖެއްޔާ މަސް ކިރުވުމަށް މިހާރު ހުރި ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" މަސްވެރިއެއް ބުންޏެވެ.
މިފްކޯއިން މިފަހުން ގެނެސްފައިވާ ދުވާލަކަށް 100 ޓަނުގެ މަސް ގަނެވޭ ބޯޓު މަސްގަންނަން ތައްޔާރުކޮށް ފެލިވަރަށް ވަނީ ގެންގޮސްފައެވެ. މި ބޯޓަކީ ބްރައިން ފްރީޒަރ ވެސެލްއެއް ކަމަށެވެ. މި ބޯޓުގައި 370 ޓަނު ނުވަތަ 400 ޓަނުގެ މަސް ގަނޑުކުރެވޭނެ އެވެ. މި ބޯޓުގެ ސަބަބުން މިފްކޯއިން މަސް ގަނެވޭ މިންވަރު އިތުރުވެ އެކުންފުނީގެ އެއް ފެކްޓްރީއިން އަނެއް ފެކްޓްރީއަށް މަސް އުފުލުމުގައި ލުއި ފަސޭހަވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.



One Response
މިފްކޯ ހެޑްއޮފީސް އަދި ކޫއްޑުގަ އޮތީ ވައްކަން އާއްމުވެފަ ފުރަތަމަ މިތަންތަނުގެ ހިންގުން ހަރުދަނާކޮށް ވަގުން ބޭރުކޮށްގެން މަސްވެރިންއަތުން ހަމައަގުގަ މަސްގަނެ މިފްކޯއަށް ފައިދާވެސްވާނީ. މިހާރު މުޅި ކޫއްޑޫއޮތީ މިސްމެނޭޖްކޮށް.