މަސްވެރިކަމާއި ގުޅޭ

ތުންދިގު މަޑުމިޔަރު

މިއީ މަޑުމިޔަރުގެ ބާވަތެކެވެ.

މިބާވަތުގެ މިޔަރެއް ރާއްޖެއިން ހަމައެކަނި ރެކޯޑްކުރެވިފައިވަނީ 1983 ވަނަ އަހަރު ނޯރވޭގެ ރިސާރޗް ވެސަލް ޑރ. ފްރިޖެފް ބެންސަންގައި ރާއްޖޭގައި ކުރި ސާރވޭގައި 22 އޮގަސްޓް 1983 ދުވަހު އއ. ތޮއްޑޫ ކައިރިން 240 މީޓަރުގެ އަޑިން ދަމާދާ އަޅައިގެން ކުރި މަސްވެރިކަމުގައެވެ. މިޔަރު ޢާއްމުކޮށް އުޅޭ ފުންމިނަކީ 27 މީޓަރާއި 720 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. ނަމަވެސް ބައެއްފަހަރު 1000 މީޓަރު އަޑީގައިވެސް އުޅޭކަމަށްވެއެވެ. މިއީ އަތޮޅުން ބާރު މާކަނޑުގެ ވަރަށް ފުނުގައިއުޅޭ މިޔަރެއްކަމުން މިބާވަތުގެ މިޔަރު ދިވެހިންކުރާ މަޑުމިޔަރު ކެޔޮޅުކަމުގައްޔާއި ކަށިމިޔަރު ކެޔޮޅުކަމުގައި ބޭނިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިބާވަތުގެ މިޔަރުގެ ބޮލުގެ ދެއަރިމަތީގައި ކަރުގެ ކެނޑުން ހުރެއެވެ. ބޮލާއި ތުންކޮޅު ހިމައެވެ. ލޯބޮޑެވެ. ބުރަކަށިމަތީގައި ހުންނަނީ އެންމެ އުރަހައެކެވެ. އަނގައިގައި ބޮޑެތި ފުނާ ދަތްތައް ކަހަލަ ދަތްތަކެއް ހުރެއެވެ. މިޔަރުގެ އުރަހައިގެ ކޮޅާއި ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ. މިބާވަތުގެ މިޔަރު 1.4 މީޓަރަށް ބޮޑުވާކަމަށްވެއެވެ. މިބާވަތުގެ މިޔަރަކީ ރާއްޖެއިން ވަރަށް ނުފެންނަ މިޔަރެއްކަމުން މިމިޔަރަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑް ކުރެވިފައިނެތުމާއެކު މިއީ މަޑުމިޔަރުގެ ބާވަތެއްކަމަށްވާތީއާއި މަހަށް ކިޔާ އިގިރޭސިނަމާއި ގުޅޭގޮތުން "ތުންދިގު މަޑުމިޔަރު" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: Sharpnose sevengill shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!