ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މާދަމައިން ފެށިގެން ދޯންޏަކުން 6 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިން ހަމަޖައްސައިފިއެވެ.
މިފްކޯއިން ބުނީ މި ދުވަސްވަރު ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ކޫއްޑޫ އަދި އައްޑޫގެ ފްރީޒިންގެ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ލުޔެއް ލިބުމަށާއި ހުރިހާ ދޯންޏަކުންވެސްް ކޮންމެ ދުވަހަކު މަސްކިރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭނުންވާތީ މާދަމާއިން ފެށިގެން ކޫއްޑޫ އާއި ކޫއްޑޫގެ ބޯޓު ފަހަރުތައް އަދި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސް ގަންނަމުންދާނީ ކޮންޓްރޯލްކޮށްގެން ކޮންމެ ދޯންޏަކުން 6 މެޓްރިކް ޓަނުގެ މަސް ކަމަށެވެ.
މިފްކޯއިން މަސް ގަތުން ކޮންޓްރޯލް ކުރީ މިދިޔަމަހުގެ 24ވަނަ ދުވަހުއެވެ. އޭރު މިފްކޯއިން ނިންމީ ދޯންޏަކުން 5 ޓަނުގެ މަސް ގަތުމަށެވެ. އަދި މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން މިފްކޯއިން ވަނީ ފެލިވަރުން ކޮންޓްރޯލްކުރުމަށާއި ނުލާ މަސް ގަންނަ ފަށާފައެވެ.
ރަނގަޅު މަސްވެރި މޫސުމުގައި މަސް ކިރުވުމަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު އެ ކުންފުނިން ކެނޑިނޭޅި ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފްކޯގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަށް ނިމުމުން، މަސްވެރިންގެއަތުން މަސްގަތުމަށް މިހާރު ދިމާވަމުންދާ މައްސަލަ ހައްލުވެގެންދާނެކަމަށް މިފްކޯއިން ދެކެއެވެ.