މަސްވެރިކަމާއި ގުޅޭ

މީގެ 35 އަހަރު ކުރިން މާލެގެ ބަނދަރުމަތީގައި މަސްވެރިން ހަރަކާތްތެރިވާ މަންޒަރު

ދިވެހިންނާއި ކަނޑުމަސް

ދިވެހިންގެ މައިގަނޑު އިޤްތިޞާދު ވަރަށް ކުރިންސުރެ ހިކި ކަނޑުމަހުގެ މައްޗަށް ބިނާވެފައި އޮތްއިރު މިމަސް ވިއްކަނީ ހަމައެކަނި ސިލޯން މާކެޓަށް (މިހާރު ސްރީލަންކާ) އަށެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ހިކި ކަނޑުމަހުގެ ވިޔަފާރި މިގޮތަށް ހިނގަމުންއައީ ވަރަށް ޔަޤީންކަމާ އިތުބާރާއެކުގައެވެ. ދިވެހި ހިކި ކަނޑުމަހަކީ ސިލޯނުގެ މާކެޓްގައި ވަރަށް އަގުބޮޑު އެއްޗެކެވެ. އާދައިގެ ނިކަމެތިންނަށް ގަނެލެވޭވަރަށްވުރެވެސް އަގުބޮޑެވެ. އާންމުކޮށް ދިވެހިން ހިކިކަނޑުމަސް ގަނެ އުޅެނީ ތަނަވަސްމީހުންނެވެ.  އާއްމުގޮތެއްގައި ޤައުމުގެ އެންމެންނަށް ހިއްސާ ނުވެވޭ ވިޔަފާރިއަކަށްވިޔަސް ދިވެހި ހިކިކަނޑުމަސް ލަންކާއަށް އެތެރެކޮށް މަސްގަންނަން ފައިސާގެ ބޮޑު ޢަދަދެއް ބަޖެޓްކުރަންޖެހެއެވެ. މިއީ ލަންކާ ސަރުކާރުން ނުވިސްނާނެކަމެއް ނޫނެވެ. ވިސްނާނެ ކަމެކެވެ. ވިސްނަންޖެހޭނެވެސް ކަމެކެވެ. މިފަދަ ވިސްނުންތައް އިތުރުވެގެންދަނީތަނުގެ އިޤްތިސާދަށް ލޮޅުންތައް އަރައި އިޤްތިޞާދު ދަށަށްދާ ހާލާތްތަކުގައެވެ.

ފެންނަމުންދިޔަ ހަޤީގަތުގެ މައްޗަށް ބުރަވާއިރު ޤަބޫލުކުރަންޖެހެނީ ދިވެހި ކަނޑުމަސް ގަތުން ހުއްޓާލުމަށް ސިލޯން ސަރުކާރުން ވިސްނަމުން އައިސްފައިވާކަމެވެ.ދިވެހި ހިކިކަނޑުމަސް ލަންކާއަށް އެތެރެކުރުން ހުއްޓާލުމުގެ މަޤްޞަދުގައި ފުރަތަމަ ވަގުތަކީވެސް ބަދަލެއް އެޅި ޢަމަލީ ފިޔަވަޅަކީ މަސް އެތެރެކުރުމަށް ކޯޓާއެއް ހަމަޖެއްސުމެވެ. މިގޮތުން 1970 ވަނަ އަހަރާ ހަމައަށް އައިއިރު ސިލޯނަށް ދިވެހި ކަނޑުމަސް އެތެރެކުރެވެނީ ކަނޑައެޅިފައި އޮތް ކޯޓާއާއި އެއްގޮތަށެވެ.ކަންމިހެން ހިނގަމުން ދަނިކޮށް ލަންކާގައި ކުރިންއޮތް ސަރުކާރު ބަދަލުވެ، އައު ބޮޑުވަޒީރަކަށް މިސިޒް ސރީމާތޯ ބަންޑާރަ ނައިކާ ހަމަޖެހުނެވެ. މިކަމަނާއަކީ އިޤްތިޞާދީގޮތުން ލަންކާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ.

1970 ވަނަ އަހަރުގެ ކުރީކޮޅު އޭރު ސިލޯންގައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރަށް ބޮޑުވަޒީރު ސިރީމާވޯ އެޕޮއިންޓްމަންޓެއް ދެއްވިއެވެ. މިބައްދަލުވުމުގައި ސަފީރު އަރިހުގައި ވިދާޅުވީ މިހާރު ދިވެހިރާއްޖެއިން ލަންކާއަށް ގެންނަ ހިކި ކަނޑުމަސް އަހަރަކު 15% މަދުކުރަމުންގެންދިމަށެވެ. މީގެ 6 އަހަރު ފަހުން ދިވެހި މަސްވިއްކާނެ އެހެން ގޮތެއް ހޯދުމަށް ސަރުކާރުގައި ދެންނެވުމަށެވެ.

މިކަންބޮޑުވެ ކުއްލި ސިހުންގެނުވި ޚަބަރު ދިވެހި ސަރުކާރަށް ލިބިވަޑައިގަތުމާއެކު ދިވެހިން ބާނާ ކަނޑުމަސްކޮޅު ވިއްކާނެ މާކެޓެއް ހޯއްދެވުމުގެ މަސައްކަތްޕުޅު ދިވެހި ސަރުކާރުން ވަރަށް ޙާއްސަ ސަމާލުކަމާއެކު ފެއްޓެވިއެވެ. ނަތީޖާއަކަށްވީ ދިވެހިންގެ މަސްކޮޅު ރޯމަހުގެ ގޮތުގައި ގަންނާނެ ބަޔަކު މަތިވުމެވެ. ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނުން ދިވެހި ރޯމަސް ގަތުމާބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނީ 06 އޭޕްރީލް 1972 ގައެވެ.

ބޮޑު ވަޒީރު މި ވާހަކަ ވިދާޅުވީ މިފަދަ ވާހަކައެއް އަޑުއެހުމަށް އިންތިޒާރުކޮށްގެން ތިއްބައެއް ނޫނެވެ. އަދި ކީއްތޯއެވެ. ދިވެހިން ތިބީ ލަންކާއަށް މިހާރު ގެންނަ މަސް އެތެރެ ކުރުމަށް ކަނޑައެޅިފައިއޮތް ކޯޓާ އިތުރުކޮށްދެއްވުން އެދި ދެންނެވުމަށް ކުރާ އުންމީދެއްގެ މަގުމަތީގައެވެ. އެއީ ބޮޑު ވަޒީރު މި ވާހަކަ ވިދާޅުވިއިރުވެސް ސިލޯނަށް ގެނެސް ނުބޭލި 6500 ބަސްތާ ހިކިކަނޑުމަސް ސިލޯން ބަދަރުގައި އޮތުމާއި އެކުގައެވެ.

މިފަދަ ވަގުތެއްގައި މިފަދަ ނިންމުމެއް ލަންކާ ސަރުކާރުން ނިންމުންވާނީ ދިވެހި ސަރުކާރަށް ވަރަަށް ނުތަނަވަސްކަން ގެނުވި ނިންމުމަކަށްކަން ކަށަވަރެވެ. އދި ދިވެހިންނަކީ ބަޑުފުރާނަ މުއްތިކުރަން ކާޑުކޮޅުވެސް ބޭރުން އެތެރެ ކުރާ ބަޔަކަށްވެފައި ބޭރުން ފައިސާ ލިބެންއޮތް މަގުބަންދުވެއްޖެނަމަ މުޅި ޤައުމަށް ކުރިމަތިވާނެ ނިކަމެތިކަމަށްޓަކައެވެ.

މިކަންބޮޑުވެ ކުއްލި ސިހުން ގެނުވި ޚަބަރު ދިވެހި ސަރުކާރަށް ލިބިވަޑައިގަތުމާއެކު ދިވެހިން ބާނާ ކަނޑުމަސްކޮޅު ވިއްކާނެ މާކެޓެއް ހޯއްދެވުމުގެ މަސައްކަތްޕުޅު ދިވެހި ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމާއެކު ފެއްޓެވިއެވެ. ނަތީޖާއަކަށްވީ ދިވެހންގެ މަސްކޮޅު ރޯމަހުގެ ގޮތުގައި ގަންނާނެ ބަޔަކު މަތިވުމެވެ. ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނުން ދިވެހި ރޯމަސްގަތުމާ ބެހޭ އެއްބަސޮވުމުގައި ދިވެހި ސަރުކާރާ ދެމެދު ސޮއި ކުރެވުނީ 06 އެޕްރީލް 1972 ގައެވެ.

މިއީ މަސްވެރިކަމުގެ ސިނާއަތަށް މަސްވެރިންގެ މަސްވެރި ޙަޔާތަށް ބޮޑު ބަދަލެއް ގެނުވި އިންގިލާބެކެވެ އަދި މިއީ މިކަމުގެ އަސަރު އެކި ސިފަސިފައިގައި މުޅި ދިވެހި ދިރިއުޅުމަށް ފޯރި ކަމެއްވެސް މެއެވެ. ޚާއްޞަކޮށް ރާއްޖެތެރޭގެ މަސްވެރި ރަށްރަށުގެ އަންހެނުންގެ ދިރިއުޅުުގެ ވައްޓަފާޅި މުޅިންއައު ކަރުދާހެއގައި މުޅިން ތަފާތު ކުލައަކުން ލިޔުމަށް މަޖުބޫރުވި ހާދިސާއެއްވެސްމެއެވެ.

ކަނޑޯވި އުނދުނުގައި ފަލަ ހަރު ޖައްސައިގެން ގަދައަށް އަލިފާން އަންދައި ލޯބޯ ފީއްސަމުން ދިއުމުގެ ސަބަބުން ލޮލުން ކަރުނަ އަންނަމުން މަސް ކެއްކި ޒަމާން ބަދަލުވެއްޖެއެވެ. ރަށްރަށުގެ ވެށިން އެކި ދަޅަދަޅައިގައި ދުވަމުންދިޔަ މަސްވެރި ވަސްތައް މިހާރު ނުދުވާނެއެވެ. އެއީ ބައެއް އިރުވަރަށް ރަށުތެރޭންދުވި ރޯމަސްވަހެކެވެ. ގަރުދިޔަކެކޭ ވަހެވެ. ރިހާކުރު އޮލަކުރާ ވަހެވެ. މަސްދިލަޖައްސާ ވަހާއި މުޅި ރަށުތެރޭގައި އަވީލާފައި ހުންނަ މަސްތައް ހިކެމުންދާ ވަހެވެ.

ބަދަލުވަމުންދާ ދުނިޔޭގެ ސުންނަތް ބަދަލުވުމަކަށް ވަކި ވަގުތެއް ނޯންނާނެއެވެ. ސަބަބުތައް ލާ ފުރާ ފުރިހަމަ ވަގުތު ކަނޑައެޅެމުން ކޮންމެ ވަގުތަކީވެސް ބަދަލެއް އަތުވެދާނެ ވަގުތެކެވެ. 1972 ވަނަ އަހަރުން ފެށިގެން ދިވެހިން ވިއްކަމުންއައި ރޯމަސް ޖަޕާން މަރުބޭނީ ކޯޕަރޭޝަނުން ގަތުން ހުއްޓާލަން ބޭނުންވާކަން، ދިވެހި ސަރުކާރަށް އެންގި އެންގުމަކީވެސް މިފަދަ ގޮތަކަށް ދިމާވި ކަމެކެވެ. އެމީހުން ބުނީ 1983 ވަނަ އަހަރުން ފެށިގެން އެމީހުން މަސްގަތުން ހުއްޓާލާނެ ވާހަކައެވެ.އަނެއްކާ އައު ހަރުފަތެއްގެ މައްޗަށް ދިވެހިންގެ އިޤްތިޞާދުގެ ލޭނާރުކަމަށްވާ ކަނޑުމަހާއެކު ދިވެހިން ބަދަލުވާން ޖެހުނީއެވެ.

މިހިސާބަށް ދުނިޔެއާއެކު ދިވެހިން ބުރުޖަހަމުން އައިއިރު ދިވެހިންވެސް ވަނީ ކުރިއަށްވުރެ ބޮޑަށް ލޯހުޅުވިފައެވެ. ދުރުދުރުގެ މަންޒަރުތައް ފެންނަވަރަށެވެ. އެހިސާބަށް އަޑުފޯރާވަރަށް އަނގަވެސް ވަނީ ހުޅުވިފައެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމުގައި ކުރިއަށްވުރެ އާރާ ބާރާ ހަކަތަވެސް ވަނީ ލިބިފައެވެ.

ޖަޕާނު މީހުން ރޯމަސްގަތުން ހުއްޓާލުމާއެކު ރާއްޖޭގެ ސަރުކާރުން ރޯމަސް ބައްލަވައިގަންނަވާނޭ އިންތިޒާމު ހަމަޖެއްސެވިއެވެ. ބާނާ މަހުގެ މިންވަރު އިތުރުކޮށް ބޭރުފައިސާ ލިބޭނެ މަގުތައް ތަނަވަސްކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިއެވެ. ފެލިވަރު ފެކްޓްރީ ހުޅުވުނީ 11 ނޮވެމްބަރ 1986 ގައެވެ. މިއަދާ ހަމައަށް ދިވެހިން ހާލު ކުރުގޮތަކަށް މިދަންނަވާލެވުނީއެވެ.

މަސްދަރު: އަސްދަނޑި މަސްވެރިންގެ ނޫސް / އުތީމު އާދަމްބެ
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!