ވ. އަތޮޅު ފުއްސަރު ކައިރިން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބުނު ދޯންޏެއް ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯނި ވ. ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ރޭ 11:22 ގައި ލިބިފައިވާ ކަމަށެވެ.
އެ ދޯނީގައި ތިބީ ތިން މީހުންނެވެ. މި ދޯންޏަކީ ފ. ފީއަލި ކައިރިން ފާނަ ގަނެގެން މާލެ ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ.
މި އުޅަނދާއި ފަޅުވެރިން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުންދަނީ ކުރަމުންނެވެ.



