23270642-F9B8-4250-A89E-683FBCC85308

ކަނޑައިގެން ދިޔަ ދ. ހުޅުދެލީ ކަނދުފަތި ހަރުކޮށްފި

ކަނޑައިގެން ދިޔަ ދ. ހުޅުދެލީ ކަނދުފަތި ހަރުކޮށްފިއެވެ. ކަނދުފަތި ހަރުކޮށްފައިވަނީ ހުޅުދެލީގެ 15.5 މޭލު ހުޅަނގު ސަރަޙައްދެއްގައެވެ.

ދ. ހުޅުދެލި ދޮށިމަސް ކަނދުގެ ނަމްބަރަކީ K08D01 އެވެ. މީގެ ކުރިން ކަނދުފައްޗަށް ދީފައިވާ ހިސާބު އަދަދުތަކުގެ ނަމްބަރުގެ ބަދަލުގައި މިނިސްޓްރީއިންވަނީ ކޮންމެ ކަނދުފައްޗަކަށް ވަކި ޚާއްސަ ނަމްބަރެއް ދޭން ފަށާފައެވެ.

ކަނދުފަތިތަކަށް މީގެ ކުރިން ދީފައިވާ ނަމްބަރުތަކުން، ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަނދުފަތީގެ ވިއުގައިގައި އަޅާފައި އޮންނަ ކަނދުފަތިތަކުގެ އަދަދު އެގޭނެއެވެ. އެހެންނަމަވެސް، މިހާރު މިނިސްޓްރީއިން ކަނދުފަތިތަކަށް ނަމްބަރުތައް ދޭ ގޮތުން، ކަނދުފަތިތަކުގެ ޖުމްލަ އަދަދު އެގޭނީ މިނިސްޓްރީއަށެވެ.

ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!