ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި ފަސޭހަކަމާއެކު ދުވާލާއި ރޭގަނޑުވެސް މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް މަސްކަނޑާ ތަނެއް ތަރައްގީކޮށްފިއެވެ. މި މަސްކަނޑާތަން ތަރައްގީކޮށްފައިވަނީ ސޮސައިޓީ ފޯރ ލީޑާރސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ( އެސް.އެލް.އައި.ޑީ) ފަރާތުންނެވެ.
މިތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވެއެވެ. އަދި މީގެ އިތުރުން ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް އެތަނުގައި ހުރެ އެވެ. އަދި މެސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި ތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
އެސް.އެލް.އައި.ޑީގެ އޮފިޝަލް ވިދާޅުވީ މިއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން މި ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.
"މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި. އަދި ވާރޭވެހުނަސް އަދި އަވިދިނަސް ހަމަ ޖެޓީ މަތީ ތިބެގެން މަސްކަނޑަން ޖެހެނީ. މި ގާއިމްކުރެވުނު މަސްކަނޑާތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. މި ފުރުސަތުގައި މިފަދަ މުހިންމު ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށް އެ ބޭންކަށް ޝުކުރު ދަންނަވަން." އެސް.އެލް.އައި.ޑީގެ އޮފިޝަލް ވިދާޅުވިއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ މިތަން ބޭނުންކުރަމުންނެވެ. މިތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާފައެވެ.