ރާއްޖޭގައި ޕްރޯންސް އާލާ ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑު އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޕްރޯންސް އާލާ ކުރުމަކީ ކޮމަރޝިއަލީ ރާއްޖެއަށް ފައިދާވާ މަސައްކަތަކަށް ވާނެ ކަމަށެވެ. އެކަން މިކަން ކުރުމުގެ ހުއްދަ ދޭނީ ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ކަމަށް މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.
"މި ޖެހެނީ އެއްގަމުގައި އެ އެއްޗެހި ބޮޑުކޮށް، އިންޓެންސިވް ކަލްޗަރގެ ގޮތުގައި ހަދަން، ރިސަރކިއުލޭޝަން ސިސްޓަމްގައި، ފެންގަނޑު ދައުރުވާގޮތަށް، އެކަން ކުރަން ޖެހެނީ، ދައުރުވާ ފެނުގެ ތެރެއިން ބައެއް މޫދަން ބޭރުކުރަންޏާ، އެ އެއްޗެހިތަށް ނިއުޓުރަލައިޒްކޮށްފައި، އޭގެތެރޭގައި އެއްވެސް ކަހަލަ ބައޮލޮޖިކަލް މެޓީރިއަލެއް ނުހުންނަ ގޮތަށް ޑިސްޗަރޗު ކުރާނީ، " މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު ތެރޭ ޕްރޯންސް އާލާކުރުމުގެ ހުއްދަ ދޭން ފަށާނެ ކަމަށެވެ. އެކަމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތަކާއި ސްޓޭންޓަޑްތަށް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުތެރޭ ކުރުމަށްވަނީ ރާވާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



