ގެއްލުނު ދޯނީގެ ދެ ފަޅުވެރިއަކު ސަލާމަތްކޮށްފި އެވެ.
ހަންބުރިތަކެއްގައި އެލިގެން ތިއްބައި ސަލާމަތް ކުރީ ފަޅުވެރިންގެ ތެރެއިން ބަންގްލަދޭޝްގެ އަސަދުލް އިސްމާލް، 37، އާއި ހަމަ އެ ގައުމަށް ނިސްބަތްވާ އިތުރު ފިރިހެނެކެވެ. މި މީހުން ފެނުނީ މީގެތެރެއިން އެކެއްގެ ފޯނު ސަލާމަތުން އޮތުމުން ރޭންޖް ލިބޭ ހިސާބަކަށް ދެވުމުން ފޯނަށް ގުޅޭތީއެވެ. މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްކައިރިން މި ދެމީހުން ކޯސްޓްގާޑްގެ ސީއެމްބިއުލާންސަށް ނަގާފައިވާކަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ނަމަވެސް އަދިވެސް ދޯނީގެ ކައްޕި ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް، ފެނިފައެއް ނުވެއެވެ.
މި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން އަދިވެސް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގައި ކޯސްޓްގާޑް ޝިޕް ހުރަވީއާއި ފުލުހުންނާއި ދޯނީގެ ވެރިފަރާތުގެ އިތުރުން ޓީއެމްއޭގެ 10 ސީޕްލޭނާއި ފްލައިމީގެ މަތިންދާ ބޯޓެއްވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން މީގެކުރިން ބުނެފައިވަނީ ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯނި ވ. ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 11:22 ގައި ކަމަށެވެ.



