ކޮމަންޑޫގައި އައިސްޕްލާންޓް އަޅައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮމަންޑޫގައި އައިސް ޕްލާންޓް އެޅުމަށް މީގެ ކުރިންވެސް ޓެންޑަރ ކުރެވުނު ކަމަށާއި އެހެންނަމަވެސް، އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށެވެ. މިހާރު ސަރުކާރުން ވާނީ ދެވަނަ ފަހަރަށް ޓެންޑަރއަށް ހުޅުވާލައިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމަށް މަސްވެރިން އެދުނު، އެކަން ފުއްދުމަށްޓަކައި ޓެންޑަރއަށް ކުރެވުނު، ނަމަވެސް ޓެންޑަރއަށް ބަޔަކު ކުރިމަތި ނުލުމުން، ދެވަނަ ފަހަރަށް ހުޅުވާލައިގެން ބަޔަކު ހޯދަމުން މިދަނީ، މަސްވެރިންނަށް އެވައުދު ފުއްދަދޭނަން،" ރައީސް ވިދާޅުވިއެވެ.
މިދިޔަ މަސްވެރިންގެ ދުވަހު ރާއްޖޭގައިވަނީ 4 އައިސްޕްލާންޓު ހުޅުވާފައެވެ. އެއީ ގާފަރުގަ އާއި، ރ. މަޑުއްވަރީ، ހއ. ހޯރަފުށި އަދި ފެލިވަރުގައި އައިސްފްލާންޓެވެ. މަޑުއްވަރި، ގާފަރު، އަދި ހޯރަފުށި ފްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފައްދާނެ އެވެ. އަދި ފެލިވަރު އައިސް ފްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފައްދާނެ އެވެ.