9EB74949-C434-4886-90BF-AA2342898FD0

155000 ޑޮލަރަށް ނޫ އުރަހަ ކަންނެއްޔެއް ވިއްކައިފި

ޖަޕާނުގައި 155000 ޑޮލަރަށް ނޫ އުރަހަ ކަންނެއްޔެއް ވިއްކައިފިއެވެ.

މި ކަންނެލި ވިކިފައިވަނީ އާ އަހަރާއި ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ޖަޕާނުގެ ޓޮޔޮސު މަސް މާރުކޭޓުގައި ބާއްވާ ނީލަމުގައެވެ. މިއީ މިއަހަރު ފެށުނުފަހުން އެންމެ އަގުބޮޑުކޮށް ވިކުނު މަހެވެ. އެހެންނަމަވެސް މިއަގަކީ ފާއިތުވި 6 އަހަރުތެރޭ އެންމެ އަގު ދަށްކޮށް ވިކުނު މަސް ކަމަށް މި ނީލަން އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނީލަމުގެ އަގުތަށްވަނީ ދަށްވެފައެވެ. ބައިވެރިވި ފަރާތްތަށްވެސް އެހެން އަހަރުތަކާއި އަޅާ ބަލާއިރު މަދުވެފައިވުމުން، މާކަބޮޑު ވާދަވެރިކަމެއް ނެތެވެ.


އެހެން އަހަރު ތަކުގައި އެންމެ އަގުބޮޑުކޮށް ވިއްކާލެވޭ މަހުގެ އަގު މިލިއަން ޑޮލަރަށް އަރައެވެ. އެހެން ނަމަވެސް މިއަހަރު އެންމެ އަގުބޮޑުކޮށް ވިއްކާލެވިފައިވަނީ 155000 ޑޮލަރަށް ވިކުނު ނޫ އުރަހަ ކަންނެއްޔެކެވެ.
މި ނޫ އުރަހަ ކަންނެންޏަކީ ޖަޕާންގެ އޮމާޙާ ކަނޑުގެ ސަރަޙައްދުން ބާނާފައިވާ 211 ކިލޯގެ މަހެކެވެ. މި މަސް 155000 ޑޮލަރަށް ގަނެފައިވާއިރު، މިއީ ކޮންމެ ކިލޯއަކަށް 690 ޑޮލަރެވެ.
2019 އަހަރު ބޭއްވި ނީލަމެއްގައި ކިޔޮޝި ކިމުރާ ވަނީ 3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފައެވެ. މިއީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު އަގެވެ.

ނޫ އުރަހަ ކަންނެއްޔަކީ ދުނިޔޭގައި އެންމެ އަގުބޮޑު މަހުގެ ބާވަތެވެ. މިއީ ވަރަށް މަދުން ފެންނަ މަހުގެ ބާވަތަކަށްވާއިރު ބައެއް ޤައުމުތަކުގައި ނޫއުރަހަ ކަންނެލި ބޭނުމަކީ މަނާކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!