މިރާއްޖޭގެ ފަރުފަޅުތަކުގެ މުރަކަތަކުގެ ނިވަލުގައި 10 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ ދަންބޮޑެކެވެ. ދިވެހި މަސްވެރިން ރޭގަޑު ކުރާ ކެޔޮޅުކަމުގެ މަސްވެރިކަމުގައި މަދުމަދުން މިބާވަތުގެ މަސް ބޭނެއެވެ. މިއީ ދިވެހިން ޢާއްމުކޮށް ކައިއުޅޭ މަހެއް ނޫނެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި ތިބެނީ ގާތަކުގެ ނިވަލުގައި ފިލައެވެ. ރޭވެ އަނދިރިވުމުން ބައިބަޔަށް ނިކުމެއުޅެއެވެ. އަދި ޚާއްސަކޮށް ހަނދުވަރުދޭ ރޭރެއަށް ވަރަށް ތިލަވެއުޅެއެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 20 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ރަތްކުލައެކެވެ. މަހުގެ ކަރުތާފަތުގެ ކޮޅުގައި މަހުގެ ހުރަހަށްވާގޮތަށް ގަދަ މުށިކުލައިގެ ފުޅާފަށެއް މަހުގެ ދެފަރާތުގައި ހުރެއެވެ. މިމަހަށް "ފަށްދެމި ދަންބޮޑު" ކިޔާ ނަންދީފައިމިވަނީ މަހުގެ މިސިފައަށް ވިސްނާ މަހަށް އިގިރޭސިބަހުން ކިޔާއުޅޭނަމާ ގުޅޭގޮތަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ އޮރެންޖު ކުލައެއްގައެވެ. ބަނޑުދަށްފަރާތު ކޮތަރިބަޔާއި ބުރަކަށިމަތީ ކޮތަރިބައިގެ ކޮޅު ހުންނަނީ ގަދަ ރަތްކުލައިގައެވެ. އަދި މި ދެކޮތަރީގެ ކައިރިފަށާއި ނިގޫފަތުގެ މަތީބަޔާއި ތިރީބައި ހުންނަނީ ހުދުކޮށެވެ.
އިނގިރޭސި ނަން:Shoulderbar soldierfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003