މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފެނުގައި ގިނައިން އުޅޭ ދަންބޮޑެކެވެ.
މިމަސް ޢާއްމުގޮތެއްގައި އުޅެނީ 25 މީޓަރަށްވުރެ ފުނުގައިކަމަށް ވުމާއެކު ފަރުފުޅުތަކުގެ ބޭރަށް މޫދަށްއެރިއުޅޭ ގިނަމީހުންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެެވެ. މިއީ ދަންބޮޑުގެ ޢާއިލާގައި ހިމެނޭ ގިނަމަސްތަކާ އަޅާބަލާއިރު އިސްކޮޅުންބޮޑު މީހެކެވެ. މިމަސް އެންމެ ބޮޑުވާނީ 30 ސެންޓިމީޓަރަށެވެ. މއީ ކެއުމަށް ރަނގަޅު މަހެއްކަމުގައިވިޔަސް ދިވެހިން މިބާވަތުގެ މަސް ކެއުމަށް ލޯތްބެއްނުކުރެއެވެ. މިއީ ފަރުފަޅުތަކުގެ ބޭރަށް ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ބޭނޭ މަހެކެވެ.
މަހުގެ މަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 11 ނުވަތަ 12 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ފިޔާތޮށި ކުލައެކެވެ. މަހުގެ ކަރުތާފަތުގެ ހުރަހަށް ކަޅުރަތްކުލައިގެ ފުޅާރޮނގެއް ހުރެއެވެ. މަހުގެ ތުންކޮޅާއި، ކޮތަރިތަކާއި ނިގޫފަތް ހުންނަނީ ގަދަ ރަތްކުލައިގައެވެ. އަދި ބައެއް ކޮތަރިތަކާއި ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ. މިމަހަށް "ކަޅުކޮތަރި ދަންބޮޑު" ކިޔާ ނަންދީފައިމިވަނީ ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާއުޅޭ ވަކި ޚާއްޞަނަމެއް ނެތުމާއެކު، މިމަހަށް ކިޔާ އިގިރޭސިނަމާ ގުޅޭގޮތުންނެވެ.


