އެންދަމަން ކަނޑު އަޑިއަށް ފައްތާފައި އޮތް ލައިޓަކަށް މިޔަރެއް ހަމަލާ ދީފިއެވެ.
މަސްވެރިން މިފަހަކަށް އައިސް އެންދަމަން ބޭނުން ކުރަނީ އަޑިއަށް ފައްތާ ލައިޓެވެ. ކަރަންޓް ކޭބަލްގެ އެހީގައި މަސްވެރިން ބޭނުންވާ ފުން މިނަކަށް މި ލައިޓް ފޮނުވާލެވެއެވެ.
މިހާދިސާ ހިނގާފައިވަނީ ހުވަދޫ އަތޮޅުގައި އެންވެރިކަން ކުރަން އުޅެނިކޮށް، ގއ ގެމަނަފުށީ ދޮންދީދީ ދޯންޏަށެވެ.
އެ ދޯނިން މައުލޫމާތު ދޭގޮތުގައި މެންދަމުގެ ވަގުތެއްގައި ދޯނީގެ އަޑިއަށް ފޮނުވާ ލައިޓު ނިވުމުން، ލައިޓް މަށްޗަށް ނެގީއެވެ. ލައިޓް މަށްޗަށް ނެގި އިރު ކޭބަލްގައި މިޔަރު ދަތް އެޅުމުގެ ސަބަބުން، ލައިޓަށް ފެން އެޅި ލައިޓު ވަނީ އެއްކޮށް ހަލާކުވެފައި ކަމަށް އެދޯނިން ހާމަކުރެއެވެ. މި ހާދިސާގައި ކޭބަލްގައި ދަތް އެޅުމުގެ ސަބަބުން ކަރަންޓުގައިޖެހި މިޔަރުވަނީ މަރުވެފައި ކަމަށެވެސް އެދޯނިން ހާމަކުއެވެ.
"ލައިޓް ނިވުމުން ލައިޓް މަށްޗަށް ނެގިއިރު، މިޔަރު އޮތީ ކަރަންޓް ވައިރުގައި ތަތްލާފަ. މަރުވެފައި އޮތީ. އެއީ 3 ވަރަކަށް ފޫޓުގެ މިޔަރެއް." ދޮންދީދީ ދޯނީގެ ކެޔޮޅު އިސްމާއިލް ޔާމީން ބުންޏެވެ.

މިޔަރަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެކެވެ. މި މަސް ބޭނުން މަނާކޮށްފައި އޮތުމުން، ރާއްޖޭގައި މިޔަރު ގިނަވެ މަސްވެރިންނަށް އޭގެ އުނދަގޫ ވަމުންދާކަމުގެ ޝަކުވާ އަބަދުވެސް ދަނީ އިވެމުންނެވެ.