އިންޑިއާ ކަނޑުގައި ފުޅާ ދާއިރާއެއްގައި، ވިޔަފާރި އުސޫލުން، ކަނޑުމަހުގެ މަސްވެރިކަން ކުރަން ފަށައިފައިވަނީ ދާދި ފަހުންނެވެ.
1980 ގެ މެދުތެރޭގައި އިންޑިއާ ކަނޑުން މަސްވެރިކަންކުރުމަށް، ދުރު ސަރަޙައްދުތަކުން ބޮޑުދަލުގެ މަސްވެރިކަން (ޕަރސްސެއިން) ކުރާ އުޅަނދުތައް އައުމުގެ ކުރިން އިންޑިއާ ކަނޑުގައި ކަނޑު މަހުގެ މަސްވެރިކަން ކުރަމުން ދިޔައީ ނިސްބަތުން ކުޑަކޮށެވެ. މިގޮތުން މަސްވެރިކަން ފުޅާވުމުގެ ކުރިން އިންޑިއާ ކަނޑުގައި މައިގަނޑު ގޮތެއްގައި މަސްވެރިކަންކޮށް އުޅުނީ ޖަޕާނާއި، ޓައިވާން އަދި ކޮރެއާގެ ލޭނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ސްރީލަންކާ އަދި ބައެއް އެހެނިހެން ޤައުމުތަކުގެ ކޮތަރި ދަލާއި (ގިލްނެޓް) ވަދުނަނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރުންނެވެ.
1980 ގެ މެދުތެރޭގައި ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް، ފަރަންސޭސި ވިލާތާއި ސްޕެއިންގެ ބޮޑުދަލުގެ މަސްވެރިކަން ކުރާ އުޅަނދުތައް އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަން ފެށުމާއެކު، އިންޑިއާ ކަނޑުން މި ދެބާވަތް ހިފާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުން ކަޅުބިލަމަސް ހިފާ މިންވަރު އިތުރުވުމުގައި، 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ކަނޑުމަސްވެރިކަމަށް އައި ތަރައްޤީވެސް ހިއްސާ ކުރިއެވެ.
މިގޮތުން ދިވެހިރާއްޖޭގެ މަސްވެރިކަން ފުޅާވުމުގައި ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި 1974 ވަނަ އަހަރުން ފެށިގެން ދިވެހި މަސްވެރި އުޅަނދުފަހަރުގައި އިންޖީނު އެޅުމާއި، 1981 ވަނަ އަހަރުން ފެށިގެން ކަނދުފަތި އެޅުން، އަދި ރާއްޖޭގައި ކަނޑުމަހުގެ އިތުރު ބާވަތްތަކުގެ އުފެއްދުންތައް އުފައްދަން ފެށުމާއި، ދުނިޔޭގެ ބާޒާރުތަކަށް ދިވެހި މަސް ވިއްކުމުގެ ފުރުޞަތު އިތުރަށް ފުޅާވެގެން ދިއުން ހިމެނެއެވެ. ހަމަ މި ދުވަސްވަރުގައި، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުންވެސް އެ ޤައުމުތަކުގެ މަސްވެރިކަން ތަރައްޤީކޮށް، މަސް ހިފާ މިންވަރު އިތުރުކޮށްފައިވެއެވެ. މިގޮތުން މިހާރު އިންޑިއާ ކަނޑުން ބާނާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ކަޅުބިލަމަސް، ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެލީގެ %51 ހިއްސާކުރަނީ އައްސޭރިފަށުގެ ޤައުމުތައް ކަމުގައިވާ ދިވެހިރާއްޖެއާއި، އިންޑޮނޭޝިއާ އާއި، ސްރީލަންކާ އާއި، އީރާން އަދި އިންޑިއާ އިންނެވެ.