ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ

އިންޑިއާ ކަނޑުން ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެލި ބާނައިފައިވާ މިންވަރު

އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ މުހި ންމު ބާވަތްތަކަކީ ހޫނު ސަރަޙައްދުތަކުގައި އުޅޭ ޓްރޮޕިކަލް ޓޫނާ އޭ ކިޔާ ކަނޑުމަހުގެ ބާވަތްތަކެވެ. އެއީ ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔެވެ. މީގެ ތެރެއިން ކަޅުބިލަމަހާއި ކުދި ރީނދޫއުރަހަ ކަންނެލި އެންމެ ގިނައިން ހިފަނީ ބޮޑުދަލުގެ، ދޮށީގެ އަދި ކޮތަރިދަލުގެ މަސްވެރިކަމުގައެވެ. ރީނދޫއުރަހަ ކަންނެލީގެ ބޮޑެތި މަސް ނުވަތަ ބޮޑުކަންނެލި އާންމުކޮށް ހިފަނީ އަތުނަނުގެ މަސްވެރިކަމުގައްޔާއި، ކަނޑުގައި ހިނގާ އައިންތަކުން ކުރާ ބޮޑުދަލުގެ މަސްވެރިކަމުގައެވެ. އަދި ލޭނުގެ މަސްވެރިކަމުގައި، ފުނުން ދަތުރުކުރާ ބޮޑެތި ރީނދޫއުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލި ހިފައެވެ.

ޓްރޮޕިކަލް ޓޫނާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިންމު ބާވަތަކީ ކަޅުބިލަމަހެވެ. މިގޮތުން، އައި.އޯ.ޓީ.ސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ފަސް އަހަރުގައި (2019-2015) މުޅި އިންޑިއާ ކަނޑުން ބާނާފައިވާ ޓްރޮޕިކަލް ޓޫނާއޭ ކިޔާ ވައްތަރުތަކުގެ ތެރެއިން %49.7 ހިއްސާކުރަނީ ކަޅުބިލަމަހެވެ. އެއަށްފަހު، %41.6 ހިއްސާކުރަނީ ރީނދޫއުރަހަ ކަންނެއްޔެވެ. އަދި %8.7 ހިއްސާކުރަނީ ލޯބޮޑު ކަންނެއްޔެވެ.

މަސްވެރިކަމުގެ އާލާތްތަކަށް ބަލާއިރު، އިންޑިއާ ކަނޑުން ހިފާ ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެލި އަދި ލޯބޮޑުކަންނެލީގެ ބޮޑުބައި މައިގަނޑު ގޮތެއްގައި ހިފަނީ ބޮޑުދަލާއި، ކޮތަރިދައު، ދޮށްޓާއި، އަތުނަނާއި ލޭނު ބޭނުންކޮށްގެންނެވެ. މިގޮތުން، އައި.އޯ.ޓީ.ސީ އިން 2020 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު އެވްރެޖުކޮށް އަހަރެއްގެ މައްޗަށް މި ތިން ބާވަތް ބާނައިފައިވާ މިންވަރުގެ %44 ބާނައިފައިވަނީ ބޮޑުދަލުގެ މަސްވެރިކަމުގައެވެ. އަދި ކޮތަރިދަލުގެ މަސްވެރިކަމުގައި %18 ބާނައިފައިވާއިރު، ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވަނީ %11 އެވެ. ލޭނުމަސްވެރިކަމުގައި ބާނައިފައިވަނީ %7 އެވެ.

އިސްވެ ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި، 1980 ގެ އަހަރުތަކުގައި އިންޑިއާ ކަނޑުގައި އެހެނިހެން ޤައުމުތަކުން ކުރަން ފެށި ބޮޑުދަލުގެ މަސްވެރިކަމުގެ ސަބަބުން އިންޑިއާ ކަނޑުން ކަޅުބިލަމަސް ބާނައިފައިވާ މިންވަރު 1980 ގެ އަހަރުތަކުގެ މެދެއްހާ ހިސާބުން ފެށިގެން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ. އަހަރުން އަހަރަށް ކަޅުބިލަމަސް ހިފޭ މިންވަރު އިތުރުވަމުން އައިސް، އިންޑިއާ ކަނޑުން އެންމެ ގިނައިން ކަޅުބިލަމަސް ބާނައިފައިވަނީ 2006 ވަނަ އަހަރުގައެވެ. މިގޮތުން އެ އަހަރު ޖުމުލަ 000,600 ޓަނުގެ ކަޅުބިލަމަސް ބާނައިފައިވެއެވެ. އަދި އެއަށްފަހު ޖެހިގެން އައި އަހަރުތަކުގައި، ކަޅުބިލަމަސް ބާނައިފައިވާ މިންވަރު ދަށްވެފައިވެއެވެ. ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން ކަޅުބިލަމަސް ބާނައިފައިވާ މިންވަރު އަނެއްކާވެސް އިތުރުވަމުން އައިސް، 2019 ވަނަ އަހަރުގައި މުޅި އިންޑިއާ ކަނޑުން ބާނައިފައިވާ ކަޅުބިލަމަހުގެ މިންވަރު ވަނީ 547،248 ޓަނަށްއަރާފައެވެ.

ކަޅުބިލަމަހެކޭ އެއްފަދައިން ރީނދޫއުރަހަ ކަންނެލި ބާނައިފައިވާ މިންވަރުވެސް ދާދި އެއް މިންވަރެއްގައި ހުރުމަށްފަހު 1984 ވަނަ އަހަރުން ފެށިގެން އިތުރުވެގެން ގޮސްފައިވެއެވެ. އެންމެ ގިނަ އަދަދަކަށް ރީނދޫއުރަހަ ކަންނެލި ބާނައިފައިވަނީ 2004 ވަނަ އަހަރުއެވެ. އެއީ 525،000 ޓަނުގެ މަހެވެ. އަދި އެއަށްފަހު 2011 ވަނަ އަހަރާ ހަމައަށް ރީނދޫއުރަހަ ކަންނެލި ބާނާ މިންވަރު ދަށްވަމުން އައިސް، 2012 ވަނަ އަހަރުން ފެށިގެން އަނެއްކާވެސް ރީނދޫއުރަހަ ކަންނެލި ބާނައިފައިވާ މިންވަރު އިތުރުވެފައިވެއެވެ. 2019 ވަނަ އަހަރު މުޅި އިންޑިއާ ކަނޑުން ބާނައިފައިވަނީ 240،470 ޓަނުގެ ރީނދޫއުރަހަ ކަންނެއްޔެވެ.

ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެއްޔެކޭ އެއްފަދައިން، އިންޑިއާ ކަނޑުން ލޯބޮޑުކަންނެލި ބާނައިފައިވާ މިންވަރުވެސް 1970ގެ އަހަރުތަކުގައްޔާއި 1980ގެ އަހަރުތަކުން ފެށިގެން އިތުރުވަމުން ގޮސްފައިވެއެވެ. މީގެ މައިގަނޑު ސަބަބެއްކަމުގައި ބެލެވެނީ ލޭނުގެ މަސްވެރިކަމާއި ބޮޑުދަލުގެ މަސްވެރިކަން މި ދުވަސްވަރުން ފެށިގެން ފުޅާވެގެން ގޮސްފައިވުމެވެ. އިންޑިއާ ކަނޑުން ލޯބޮޑުކަންނެލި ހިފާ މިންވަރު މަތިވަމުން އައިސް، އެންމެ ގިނައިން ބާނައިފައިވާކަމަށް ރިކޯޑުކުރެވިފައިވަނީ 1990ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. އެއީ ގާތްގަނޑަކަށް 162،000 ޓަނެވެ. އެއަށްފަހު ލޯބޮޑުކަންނެލި ބާނައިފައިވާ މިންވަރު ދަށްވަމުން އައިސް، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު މި ބާވަތް ބާނައިފައިވާ މިންވަރު ހުރީ އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 88،303 ޓަނުގައެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިގައުމުގެ ކަނޑުތަކުން އިންޑިއާ މީހުން ނަގާފާވާ މަސްތައް އިންޑިއާއިން ބޭނި ކަމަކަށް ނުވާނެ.