މަސްވެރިކަމާއި ގުޅޭ

ވައިލެޓް ދަންބޮޑު

މިއީ ރާއްޖޭގެ ތިލަ ފަރުފަޅުތަކުގެ މުރަކަތަކުގެ ތެރޭގައްޔާއި ފަޅުތެރޭގައި މުރަކަތަކާއި ގާގަލުގެ ނިވަލުގައި އުޅޭ މަހެކެވެ.

ދިވެހި މަސްވެރިން މިމަހަށްވެސް ކިޔާއުޅެނީ ދަންބޮޑެވެ. މިއީ މުޅިން ތަފާތު މަހަކަށްވެފައި، މިބާވަތުގެ ތަފާތު ގިނަޢަދަދެއްގެ މަސް ރާއްޖޭގައި އުޅޭތީ މިމަހަށްކިޔާ ސައިންޓިފިކްނަމާއި، އިގިރޭސިނަމާއި ގުޅޭގޮތުން މަހުގެ ކުލައަށް ވިސްނާ "ވައިލެޓް ދަންބޮޑު" ކިޔާ މިމަހަށް ނަންދީފައިވަނީއެވެ. މިއީ ދިވެހިން ރޭގަނޑުކުރާ ކެޔޮޅުކަމުގައި މަދުމަދުންބޭނޭ، އައްޔަށް ތިލަވާ މަހެކެވެ. މިއީ މިޢާއިލާގެ އެހެން މަސްތަކެކޭ އެއްފަދައިން ދުވާލުގެ ވަގުތުތަކުގައި ގާތަކުގެ ނިވަލުގައި އުޅެފައި ރޭވުމުން ނުކުމެއުޅޭ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ވައިލެޓް ދަންބޮޑު އެންމެ ބޮޑުވާކަމަށްވަނީ 23 ސެންޓިމީޓަރަށެވެ. ނަމަވެސް ގިނައިން ފެންނަ އެންމެ ބޮޑެތިމަހުގައި ހުންނަނީ ގާތްގަޑަކަށް 18 ސެންޓިމީޓަރެވެ. މަހުގެ ކުލައަކީ ރިހިވައިލެޓްކުލައެކެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ މަޑުރަތްކުލައިގައެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގެ ކޮޅާއި ބުރަކަށިމަތީ މަޑުކޮތަރިބައިގެ ކޮޅުހުންނަނީ ރަތްކުލައެއްގައެވެ. އަދި މިދެކޮތަރިބައިގެ ކުރީކޮޅު ހުންނަނީ ހުދުކޮށެވެ.

އިނގިރޭސި ނަން: Violet soldierfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!