މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި މިފްކޯގެ "މަސްވެރިންގެ އެޕް" ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ އެފްވަނީ މިދިޔަ މަސްވެރިންގެ ދުވަހު ލޯންޗުކޮށްފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކ. ގާފަރުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި މި އެޕް ލޯންޗުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިފްކޯގެ މަސްވެރިންގެ އެޕް މެދުވެރިކޮށް، ދޯނި ކިރުވި މަހުގެ އަދަދާއި، ލިބޭ ފައިސާ އާއި ތެޔޮ ދޫކުރި ވަރާއި އެހެން ހިދުމަތްތައް ފެންނާނެއެވެ. މިފްކޯއިން ދަނީ އެކުންފުނިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ އެކުންފުނިން ތައާރަފްކުރާ "މަސްވެރިންގެ އެޕް" މެދުވެރިކޮށް މަސްވެރިންނަށް ދޭ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
"މަސްވެރިންނަށް ދެވޭ ޚިދުމަތްތައް، މަސް ކިރުމާއި، ތެޔޮ ދިނުމާއި، އަދި މަސްވެރިންނަށްދޭ އެހެނިހެން ޚިދުމަތްތައް އެއް ވިއުގައަކުން ހުރިހާ ސެންޓަރުތަކެއް ގުޅާލެވޭނެ." އިސްމާޢީލް ވިދާޅުވިއެވެ.
މި އެޕްލިކޭޝަނާއެކު މިފްކޯއިން މަސްވެރިނަށް ދޭންޖެހޭ ފައިސާއާއި މަސްވެރިން މިފްކޯއިން ހޯދާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިދާނެއެވެ.
އިސްމާޢިލް ވިދާޅުވީ އެކުންފުނީގެ ސެންޓަރުތަކުން މަސްވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަަށެވެ. އަދި މިއަހަރުގެތެރޭ މިކަމާގުޅޭ ގިނަ މަސައްކަތްތަކެއް ކުރާނެކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ.