އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ވައްތަރުތަކުގެ ތެރެއިން އައްސޭރިފަށުގެ ސަރަޙައްދުގައި އުޅޭ ކަނޑުމަހުގެ ބާވަތްތައް (ނެރިޓިކް ޓޫނާސް) އެންމެ ގިނައިން ބާނަނީ އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުން ކުރާ މަސްވެރިކަމުގައެވެ.
ދުނިޔޭގެ އެހެން ކަނޑުތަކާ ޚިލާފަށް އިންޑިއާ ކަނޑުގައި އުޅޭ މި ބާވަތްތަކަކީ ބައެއް މަސްވެރި ޤައުމުތަކުން ބާނާ ކަނޑުމަހުގެ ބޮޑު ބައެއް ހިއްސާކުރާ ބާވަތްތަކެކެވެ. މިގޮތުން އިންޑޮނޭޝިއާ، އީރާން، ސް ރީލަންކާ އަދި އިންޑިއާ އަކީ އިންޑިއާ ކަނޑުން އެންމެ ގިނައިން ލައްޓި އާއި ރާގޮނޑި ބާނާ ޤައުމުތަކެވެ. މި ދެ ބާވަތަކީ ކަޅުބިލަމަހަށް ކުރާ ބޮޑުދަލުގެ މަސްވެރިކަމުގައި ވެސް އަމާޒުނުކޮށް ހިފޭ ދެ ބާވަތެވެ. އައި.އޯ.ޓީ.ސީ އިން ބަލަހައްޓާ އައްސޭރިފަށުގެ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ބާނަނީ ލައްޓިއާއި ރާގޮނޑި ކަމުން، މި ބައިގައި ބަލައިލައިފައިވާނީ ހަމައެކަނި މި ދެބާވަތަށެވެ.
1950 ގެ އަހަރުތަކުގައި އިންޑިއާ ކަނޑުން، ގާތްގަނޑަކަށް 3000 ޓަނުގެ ރާގޮނޑި ބާނައިފައިވާ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި 1970 ގެ އަހަރުތަކުން ފެށިގެން މި މިންވަރު މަތިވަމުން އައިސް އެންމެ ގިނައިން ބާނައިފައިވާކަމަށް އަންދާޒާ ކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. އެއީ 109،000 ޓަނުގެ ރާގޮނޑިއެވެ. އަދި އެއަށްފަހު، އިންޑިއާ ކަނޑުން ރާގޮނޑި ބާނައިފައިވާ މިންވަރު 2018 ވަނަ އަހަރު 92،000 ޓަނަށް ދަށްވެފައިވެއެވެ. ރާގޮނޑިއެކޭ އެއްފަދައިން، އިންޑިއާ ކަނޑުން ބާނައިފައިވާކަމަށް އަންދާޒާ ކުރާ ލައްޓީގެ މިންވަރުވެސް ވަނީ މި މުއްދަތުގައި އެތައް ގުނައަކަށް މަތިވެގެން ގޮސްފައެވެ. އިންޑިއާ ކަނޑުން ލައްޓި ބާނައިފައިވާ އެންމެ މަތީ މިންވަރަކީ 2019 ވަނައަހަރު 164،000 ޓަނެވެ. 1950 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު އިންޑިއާ ކަނޑުން ލައްޓި އަދި ރާގޮނޑި ބާނައިފައިވާ މިންވަރު ޗާޓު އިން ދައްކައިދީފައި އެވަނީއެވެ.
