Gold-lined squirrelfish

ރަންރޮނގު ރައިވެރިމަސް

މިއީ ގިނަރައިވެރިމަހާ ޚިލާފަށް މާފުނުގައި އުޅޭމަހެކެވެ.

ޢާއްމުގޮތެއްގައި އުޅެނީ 40 މީޓަރަށްވުރެ ފުން ފަރުތަކުގައެވެ. ވުމާއެކު ދިވެހި މަސްވެރިންނަށާއި ފަރުފަޅަށްއެރި ފީނާއުޅޭ މީހުންނަށް މިއީ ގިނައިން ފެންނަ މަހެއް ނޫނެވެ. އިންޑިއާ ކަނޑުގެ ބޮޑު ސަރަޙައްދަށް ބެހިފައިވާ މަހެއްކަމުގައިވިޔަސް މިބާވަތް ރެކޯޑްކުރެވިފައިވަނީ ވަރަށް މަދުންނެވެ. ދިވެހި މަސްވެރިން ރޭގަޑު ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި މިބާވަތް ވަރަށް މަދުން ބޭނިފައިހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 5 ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ވިދާ ފިޔާތޮށިކުލައެކެވެ. މަހުގެ ދެފަރާތުގައި މަހުގެ ދިގަށްވާގޮތަށް ރަންކުލައިގެ ރޮނގުތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. ކަރުތާފަތްމަތީ، ރަތްކުލައިގެ ފުޅާރޮނގެއް ބޮލުގެ ހުރަހަށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިކައިގެ ދެކަށިދޭތެރޭ ދުލިފަށް ހުންނަނީ ރަތްކުލައިގައެވެ. މިއީ 22 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

މިއީ ދިވެހި މަސްވެރިންނަށް ގިނައިން ފެންނަ މަހަކަށް ނުވުމާއެކު މިމަހަށް ދިވެހިން ކިޔާއުޅޭނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި ހުންނަ އެންމެ ފާހަގަކުރެވޭ ސިފައަށްބަލާ، މަހަށްކިޔާ ސައިންޓިފިކްނަމާ ގުޅޭގޮތުން މިމަހަށް "ރަންރޮނގު ރައިވެރިމަސް” ކިޔާނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: : Gold-lined squirrelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!