މާލޭ މަސް މާރުކޭޓުގައި ވިއްކަން ހުންނަ މަހަކީ ކެއުމަށް ބޭނުން ކުރަން ހެޔޮ ނުވާ ފެންވަރުގެ މަސް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިކަމާއި ގުޅޭގޮތުން 'މިހާރު' ނޫހުގައި މިއަދު ވަނީ އާޓިކަލެއް ގެނެސްފައެވެ. އެ އަރޓިކަލްގައި މަސް މާރުކޭޓު ސަރަޙައްދުގައި ކަންތައްތައް އޮންނަ ގޮތް ވަރަށް ތަފްސީލުކޮށް ގެނެސްދީފައިވެއެވެ. އެގޮތުން އެ ސަރަޙައްދުގައި އަޅާފައި އޮންނަ ދޯނިތަކުން މަސްތަށް ސާފުކުރުމަށް މޫދުން ނަގާ ލޮނަކީ އޭގައި ނަޖިސް އެކުލެވޭ އެއްޗެއް ކަމަށް ބުނެފައިވެއެވެ. ސަބަބަކީ އެސަރަޙައްދުގައި މޫދަށް އޮއި ހިނގާ މިންވަރު ދަށްވުމެވެ. މިއާއެކު ދޯނިތަކުން ކަނޑަށް ބޭރުކުރާ ނަޖިސް ފެން އެ ހިސާބުގައި ހަރުލާފައި ހުރުމެވެ.
މަސް މާރުކޭޓަށް ގެންނަ މަސްތަކަށް ފެން ޖެހުމަށާއި، މަސް ބޭނުންކުރާ އެކި އެއްޗެހި ސާފުކުރުމަށް ބޭނުންކުރަނީ މިތަނުން ނަގާ ފެނެވެ.
"މިހާރު" ނޫހުގެ ނޫސްވެރިއާއަށްވަނީ މި މަންޒަރުތަށް ފެނިފައެވެ.
އެގޮތުން މަސް މާރުކޭޓަށް ބާލައި ވިއްކަން ބަހައްޓާފައި ހުންނަ މަސްތަކަށް ވެސް އިރުއިރުކޮޅުން ލޮނުފެން ޖަހާއިރު، އެއީ ފަޅުތެރެއިން ބޭރަށް އަޅާފައިވާ ހޮޅިއަކުން އަންނަ ލޮނު ފެން ކަމަށް މަސް ވިއްކާ މީހުން ބުނެފައިވެއެވެ.
'މިހާރު' ނޫހުގެ ފަރާތުންވަނީ ނަޖިސްތައް އޮޔާ އެނބުރެމުން ދިޔަ ތަނަކުން، އަދި ނަޖިސްތަކެއްގެ ކައިރިން، މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:55 ގައި ފެނުގެ ސާމްޕަލް ނަގައި އެމްޑަބްލިޔުއެސްސީގެ ވޯޓަ ކޮލިޓީ އެޝޫރެންސް ލެބޯޓަރީން ޓެސްޓްކުރުމުން ދެއްކީ އެ ފެނުގައި ނަޖިހުގެ އަސަރު ނެތް ކަމަށެވެ. ޓެސްޓް ކުރުމަށް ސާމްޕަލް ނަގައި އަދި އެކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ ފެން ޓެސްޓް ކުރުމަށް އެމްޑަބްލިޔުއެސްސީން ދިން އިރުޝާދާ އެއްގޮތަށްކަމަށް އެ ނޫހުން ހާމަކުރެއެވެ.
ނަމަވެސް ކަމުގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވަނީ މިހެން ނަގާ އެންމެ ސާމްޕަލަކުން ނަތީޖާ ނޭނގިދާނެ ކަމަށެވެ.



