މަސްވެރިކަމާއި ގުޅޭ

ރަތްތިކި ރައިވެރިމަސް

ރައިވެރިމަހުގެ ޢާއިލާގެ މިބާވަތަކީ ރާއްޖޭގެ ފަރުތަކުގައި ވަރަށް ގިނައިން އުޅޭ ބާވަތެކެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ، ހުޅުނބުތައް ބޮޑެތި މަހެކެވެ. ޢާއްމުކޮށް ދުވާލުގެ ވަގުތުތަކުގައި ގިނައިން އުޅެނީ ފަރުފަރުގެ ގާތަކުގެ ނިވަލުގައެވެ. ކާނާ ހޯދަން ނިކުމެއުޅެނީ އިރު އޮއްސުމުންނެވެ. މިއީ ދިވެހިން ފައްތައިގެން ކުރާ މަސްވެރިކަމުގައި ރޭގަޑު ބޭނޭ މަހެކެވެ. ރޭގަޑު ބޮކީގެ އައްޔަށް މިމަސް ވަރަށް ފަސޭހައިން ތިލަވެ އުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑު މަހުގެ ކަރުތާފަތްގަޑާ ދިމާގައި ބަނޑުދަށްފަރާތުގައި ހުންނަ ކުޑަ ކޮތަރިބަޔާ ދިގުމިން އެއްވަރެވެ. މަހުގެ ހަށިގަޑުގެ ކުލައަކީ ރިހި ދިހުން ކުލައެވެ. މަހުގެ ދެފަރާތުގައި ވަރަށް ކައިރީގައި ހުންނަ ރަތްކުލައިގެ ތިކިތަކަކުން ދެމިފައިވާ ރޮނގުތަކެއް މަހުގެ ދިގަށް ވާގޮތަށް
ހުރެއެވެ. މަތީ ކޮތަރިބައިގެ ކުރީކޮޅުގައި ކަޅު ރަތްކުލައިގެ ލަފެއް ވަރަށް ސާފުކޮށް ފެންނާންހުރެއެވެ. ނިގޫފަތުގެ ކުލައަކީ ރީނދޫކުލައެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި އެންމެ ފާހަގަކުރެވޭ އެއްސިފައަކާއި މަހަށް ކިޔާ އިގިރޭސިނަމާއި ގުޅުވާ "ރަތްތިކި ރައިވެރިމަސް" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Spotfin squirrelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!