މަސްވެރިކަމުގެ މާސްޓަރ ޕްލޭން: ދެމެހެއްޓެނިވި ތަރައްޤީއަަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް

އަސްދަނޑީގެ މިފަހަރުގެ އަދަދުގައި މި އަލިއަޅުވާލާފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް އާ ހަރުފަތްތަކަކަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ފަށާފައިވާ ޚާއްޞަ މަސައްކަތްތަކެއްގެ މައްޗަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށް ހާސިލްކުރަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި މައްޗަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ. މިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ދެއްވުމަށް ފިޝަރީޒް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި އެދާއިރާގެ ކުރިމަގު ރާވާ ކުރިއަށްދާނޭ މިސްރާބެއް ކަނޑައެޅިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ބަދަލުވަމުންދާ ދުނިޔޭގައި މަސްވެރިކަމުގެ ސިނާއަތުވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް ދެކެމުންނެވެ. އެގޮތުން ޒަމާނުންސުރެ ރާއްޖޭގައި ކުރެވެމުން މިދާ ޤަދީމީ މަސްވެރިކަމުގެ އަސްލައް ބަދަލެއް ނުގެނެސް ބަދަލުވެފައިވާ ޒަމާނާއި ޓެކްނޮލޮޖީއާއި އެއް ހަމައެއްގައި ދިވެހި މަސްވެރިކަން ކުރިއަރުވާ ތަރައްޤީކުރުމަށް ކުރިއަށް ރާވާގޮތުގެ ޕްލޭނެއް ނުވަތަ ފިޝަރީޒް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަޗަރއިން ގެންދަވަނީ ކުރައްވަމުންނެވެ.

މީގެ ކުރިން ކުރެވިފައިވާ މިފަދަ މަސައްކަތްތަކާއި ޚިލާފަށް މި ފަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށްޓަކައި މި ޕްރޮޖެކްޓްގެ ދަށުން ގެންދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސައްކަތުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ވަރަށްބޮޑަށް ފާހަގަކުރަންޖެހެއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދު ވިދާޅުވިގޮތުގައި ދިވެހި މަސްވެރިކަން ތަރައްޤީ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސްޓަރ ޕްލޭން އެކުލަވާލުމަށް ކުރެވުމުންދާ މަސައްކަތް ހަރުދަނާ ގޮތެއްގައި ގެންދިއުމަށް ޕްރައިވެޓް ސެކްޓަރގެ ބޭފުޅުންގެ ބައިވެރިވުންވެސް ވޯކިންގ ގްރޫޕްތަކަކަށް ވަނީ ބަހާލާފައެވެ. މި ވޯކިން ގްރޫޕްތަކުގެ އެހީގައި މައިގަނޑު 4 ދާއިރާއަކުން ދަނީ ދިރާސާ ކުރަމުންނެވެ. އެދާއިރާތަކުގެ ތެރޭގައި ފިޝް ޕްރޮސެސިންގ (މަސް ކައްކާ ހިއްކުން)، ފަރުމަހުގެ މަސްވެރިކަން، އެކުއަ ކަޗަރ، އަދި ކަނޑުމަހުގެ މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ.

ޒަހާ ވަހީދު ފާހަގަ ކުރެއްވި ގޮތުގައި މިހާރު އެކުލަވާލަމުންދާ މާސްޓަރ ޕްލޭން އަކީ ކާމިޔާބު މަސައްކަތަކަށް ހެދުމަށްޓަކައި މާސްޓަރ ޕްލޭންގައި ހިމެނޭ މުހިންމު ދާއިރާތަކުން  ބައެއް ޕައިލެޓް ޕްރޮޖެކްޓްތައް ހިންގުމަށްވެސް މި ޕުރޮޖެކްޓުގެ ދަށުން ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ބައެއް ޕައިލެޓް ޕްރޮގްރާމްތައް އެކުލަވާލެވި އެ ޕްރޮގްރާމްތައް ހިންގުމާގުޅޭ މަސައްކަތްތައް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު މިހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކަލަވާލެވޭ ކަރުދާސްތައް އެއްކޮށް އަދި ވަކިވަކިން ދިވެހި ސަރުކާރުގެ ބަޖެޓުންނާއި، އެކިއެކި އެހީދޭ ފަރާތްތަކުގެ އެހީގައި ތަންފީޒް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށްވެސް ޒަހާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެން ރައްކާތެރިކޮށް ގިނަ ދުވަހަށް ގެންގުޅެވޭނެ ގޮތަށް މަސްދޯނިތަކުގެ އެންވަތްތައް ބަދަލުކޮށް ދިރާސާކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕޯސްޓް ހާވެސްޓް ވެލިއު އެޑިޝަން ނުވަތަ މަސް ބޭނުމަށްފަހު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މަހުން ތަފާތު ބާވަތްތައް ތައްޔާރު ކުރުމުގެ ބައިގެ މަސައްކަތާއި ގުޅޭގޮތުން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް މަނިކު ފާހަގަ ކުރައްވާ ގޮތުގައި އެދާއިރާއިންވެސް ތަފާތު 8 ޕްރޮޖެކްޓެއް މިހާރު ވަނީ ތައްޔާރުކުރެވިފައެވެ. އޭގެތެރެން މައިގަނޑު ދާއިރާ ތަކަކަކީ ބާނާ މަހުގެ ތާޒާކަން ދަމަހައްޓަން ކުރާ ކަންތައްތަކާއި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، މިހާރު ތައްޔާރު ކުރެވޭ މަހުގެ އުފެއްދުންތަކުގެ ކޮލެޓީ ހިފެހެއޓުމާއި، ބާނާ މަސް ދޯނިމަތީގައި ކޮލެޓީކޮށް ގެންގުޅުމާއި، މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި މަަސައްކަތް ކުރާ ފަރާތްތައް ތަމްރީން ކުރުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓްރީން ފާހަގަ ކުރައްވާ ގޮތުގައި އަލަށް އެކުލަވާލެވޭ މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭންގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާ ތަރައްޤީކުރުމެވެ. އަދި ހަމައެއާއެކު އޭގެ ނަފާ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއި ޤައުމަށް ލިބިގެން ދިއުމެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދިއުމަކީ މި މަސައްކަތް ކާމިޔާބު މަސައްކަތަކަށް ވުމަށް ނުހަނު ބޭނުންތެރިކަމެކެވެ.

މަސްދަރު: އަސްދަނޑި، މަސްވެރިކަމުގެ މާސްޓަރ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!