މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ އާލާތާއި އުޅަނދުތައް

1. ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން

ޒަމާނުއްސުރެ ދިވެހިން ކުރަމުން އައިސްފައިވާ ޤަދީމީ ދޮށީގެ މަސްވެރިކަމަކީ، އެހެން އާލާތް ބޭނުންކޮށްގެން ކުރާ ކަޅުބިލަމަހުގެ މަސްވެރިކަމާ އަޅައިބަލާއިރު، މާޙައުލަށާއި މަސްވެރިކަމުގައި އަމާޒުކުރާ ބާވަތްތައް ނޫން އެހެނިހެން ބާވަތްތަކަށް ނިސްބަތުން ގެއްލުން ކުޑަ، ތިމާވެށްޓާ ރައްޓެހި، ސާފު މަސްވެރިކަމެކެވެ. ދޮށީގެ މަސްވެރިކަމަކީ ކަނޑުމަހުގެ ބާވަތްތައް ހިފުމަށް ދިވެހިން ކުރާ މައިގަނޑު މަސްވެރިކަމުގެ ގޮތުގައި ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ މަސްވެރިކަމެކެވެ. އިހު ޒަމާނުގައި ދޮށީގެ މަސްވެރިކަން ކޮށް އުޅުނީ ލަކުޑިން ބަނދެފައިވާ ރިޔަލު ދޯނިފަހަރުގައެވެ. ނަމަވެސް، ޒަމާނާއެކު މަސްވެރި އުޅަނދުތައް ތަރައްޤީވަމުން އައިސް، 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ފުޅާވެ، ތަރައްޤީވެގެން ގޮސްފައިވެއެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 1974 ވަނަ އަހަރުން ފެށިގެން މަ ސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށުން ހިމެނެއެވެ. އަދި 1978 ވަނަ އަހަރާ ހަމައަށް އައިއިރު، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި ބާނައިފައިވާ މިންވަރުގެ %70 އަށްވުރެ ގިނައިން ބާނައިފައިވަނީ އިންޖީނު އެޅި މަސްދޯނީ ގައެވެ. އަދި 1984 ވަނަ އަހަރާ ހަމައަށް މި މިންވަރު %99 އަށް މަތިވެފައިވެއެވެ. މީގެ އިތުރުން ދިވެހި މަސްވެރިކަން ތަރައްޤީވުމުގައި މައިގަނޑު ދައުރެއް އަދާކުރި އެހެނިހެން  ކަންތައްތަކުގެ ތެރޭގައި 1981 ވަނަ އަހަރު ފެށުނު އޮއިވާލި ކަނދުފަތި އެޅުމުގެ މަޝްރޫޢާއި، ދަޅުގައި މަސް ބަންދުކުރަން ފެށުމާއި، ދުނިޔޭގެ ބާޒާރުތަކަށް މަސް ބޭރުކުރަން ފެށުން އަދި އެހެނިހެން އިޖުތިމާޢީ އަދި އިޤުތިޞާދީ ސަބަބުތައް ހިމެނެއެވެ.

ވޭތުވެދިޔަ 5 އަހަރުދުވަހަށް (2015-2019) ބަލައިލާއިރު ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވާ މިންވަރަކީ ރާއްޖެއަށް ބާނާފައިވާ ކަނޑުމަހުގެ %73 އެވެ. މީގެ ތެރެއިން %99 އަކީ ކަޅުބިލަމަހާއި ކުދި ރީނދޫއުރަހަ ކަންނެއްޔެވެ. މި ދެބާވަތް ބާނައިފައިވާ މިންވަރު ވަކިން ބަލާނަމަ، %83 އަކީ ކަޅުބިލަމަސް އަދި %15 އަކީ ރީނދޫއުރަހަ ކަންނެއްޔެވެ. އަދި ލޯބޮޑުކަންނެއްޔާއި، ލައްޓި އަދި ރާގޮނޑި ހިއްސާކުރަނީ ގާތްގަނޑަކަށް %1 ގެ މިންވަރެކެވެ. ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް މައިގަނޑުގޮތެއްގައި ވިއްކަނީ މަސް ގަނެ، ގަނޑުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، އެކްސްޕޯޓުކުރާ ފެކްޓްރީތައް ފަދަ ތަންތަނަށެވެ. މީގެ އިތުރުން، ހިކިމަހާއި ވަޅޯމަސް ފަދަ އުފެއްދުންތައް އުފައްދާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ދޮށީގެ މަސްވެރިކަމުގެ މުހިންމު މިންވަރެއް ވިއްކައެވެ.

2. ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން

ބޮޑުކަންނެއްޔަށް ކުރާ އަތުނަނުގެ މަސްވެރިކަމަކީ، ދިގުމިނުގައި ގާތްގަނޑަކަށް 70 ސެންޓިމީޓަރަށްވުރެ ބޮޑު، ކަނޑުގެ މަތީ ފަށަލަތަކުން ދަތުރުކުރާ ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމެކެވެ. މި މަސްވެރިކަމުގައި ބާނާ މަހުގެ ތެރެއިން %80 އަށް ވުރެ ގިނައީ ދިގުމިނުގައި 102 އާއި 160 ސެންޓިމީޓަރާ ދެމެދުގެ މަހެވެ. ވިޔަފާރި އުސޫލުން، ފުޅާ ދާއިރާއެއްގައި، ވަކި މަސްވެރިކަމެއްގެ ގޮތުގައި ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް މަސްވެރިކަން ކުރަން ފެށިފައިވަނީ 1990 ގެ އަހަރުތަކުގެ ފަހުކޮޅާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅާ ދެމެދުގައެވެ. އެއީ އަމިއްލަ ކުންފުނިތަކުން ދުނިޔޭގެ ބާޒާރަށް ކަންނެލި ބޭރުކުރަން ފެށުމުގެ ސަބަބުންނެވެ. މީގެކުރިންވެސް މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި އަތުނަނުގައްޔާއި، ވަދުނަނުގައި އަދި ކޮންމެވެސް މިންވަރަކަށް ދޮށީގެ މަސްވެރިކަމުގައި ބޮޑުކަންނެލި ބާނައިފައިވެއެވެ. އަދި އޭރު، މި މަސްވެރިކަން ކޮށްފައިވާ މައިގަނޑު ސަރަޙައްދުތަކަކީ ހއ. އަތޮޅު (އިރުވައި މޫސުމުގައި ނުވަތަ ޖަނަވަރީން އެޕްރީލް މަހާ ދޭތެރޭގައި)، މާލެ އަތޮޅު (މާރިޗުން ސެޕްޓެންބަރަށް)، އަދި ފުވައްމުލަކާއި އައްޑޫ އަތޮޅު (އެޕްރީލުން ނޮވެންބަރާ ދޭތެރޭގައި) ސަރަޙައްދުގައެވެ.

ޖަޕާނުގެ ސަޝީމީ ބާޒާރަށާއި ޔޫރަޕަށް ބޮޑުކަންނެލި ބޭރުކުރަން ފެށުމާ އެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ފުޅާވެގެން ދިޔައެވެ. މަސްވެރިކަމުގެ ދޯނިފަހަރާއި، މަސްވެރިންގެ އަދަދަށް ބަލާއިރު، ވަކިން ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި، ދޮށީގެ މަސްވެރިކަމަށްވުރެ ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރިއަރައިގެން ގޮސްފައިވާ ކަމަށް ބެލެވެއެވެ. ކަންނެލި މަސްވެރިކަން ފުޅާވުމުގެ އިތުރު ސަބަބުތަކަށް ބަލާއިރު، ކަޅުބިލަމަހުގެ މަސްވެރިކަމަށްވުރެ ލިބޭ ނަފާ ނިސްބަތުން ރަނގަޅުވުމާއި، މާބޮޑު ޚަރަދަކާ ނުލައި އަދި އުޅަނދަށް ބޮޑެތިބަދަލުތަކެއް ނުގެނެސް، ދޮށީގެ މަސްވެރިކަމުން އަތުނަނުގެ ކަންނެލި މަސްވެރިކަމަށް ބަދަލުވެވުން ހިމެނެއެވެ. ބޮޑުކަންނެލީގެ އުފެއްދުންތަކަކީ، މައިގަނޑުގޮތެއްގައި ތާޒާ، ފިނިކުރި މަހުގެ ގޮތުގައި ވައިގެމަގުން ބޭރު ކުރާ އުފެއްދުންތަކެއް ކަމުން، ބޮޑުކަންނެލި ގަނެ، ޕްރޮސްސްކުރާ ފެކްޓްރީތައް ޤާއިމުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބައިނަލްއަޤުވާމީ ވައިގެ މައި ބަނދަރާ ކައިރި ސަރަޙައްދުގައެވެ.

ވޭތުވެދިޔަ 5 އަހަރުދުވަހަ ށް (2015-2019) ބަލާއިރު، އަތުނަނުގެ ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމުގައި ބާނައިފައިވާ ނިސްބަތަކީ، މުޅި ރާއްޖެއަށް ބޭނި ކަނޑުމަހުގެ %26 އެވެ. މި މަސްވެރިކަމަކީ ހަމައެކަނި ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމެއް ކަމުން، މި މަސްވެރިކަމުގައި ހިފޭ ބާވަތްތަކުގެ ތެރެއިން %96 އަކީ ރީނދޫއުރަހަ ކަންނެއްޔެވެ.

3. ލޭނުގެ މަސްވެރިކަން

ލޭނުގެ މަސްވެރިކަމަކީ ސަޤާފީގޮތުން ދިވެހިންގެ ކަނޑުމަސްވެރިކަމުގައި ހިމެނޭ މަސްވެރިކަމެއް ނޫނެވެ. 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އަތޮޅުތަކުގެ 75 މޭލު ބޭރުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި، ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑުކަންނެއްޔަށް އަމާޒުކޮށް ލޭނުމަސްވެރިކަންކުރުމަށް ބޭރުގެ އުޅަނދުފަހަރަށް ލައިސަންސް ދީފައިވެއެވެ. ނަމަވެސް، ލައިސަންސްގައި ކަނޑައަޅައިފައިވާ ތަފާސްހިސާބު ފޯރުކޮށްދިނުމުގެ ޝަރުޠާ އެއްގޮތަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަމުން ގެންގޮސްފައިނުވާތީ، 1994 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަ ސްޓްރީޒުން ލޭނުމަސްވެރިކަމަށް ބޭރުގެ އުޅަނދުފަހަރަށް ދޫކޮށްފައިވާ ލައިސަންސްތައް ބާޠިލުކޮށްފައިވެއެވެ.

މިނިސްޓްރީން އެއްކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ގާތްގަނޑަކަށް 1997 ވަނަ އަހަރެއްހައި ހިސާބުގައި ލޭނުމަސްވެރިކަމަށް އަލުން ލައިސަންސް ދޫކުރަން ފެށިއެވެ. ކުރިއެކޭވެސް އެއްފަދައިން، ލައިސަންސް ދޫކޮށްފައިވަނީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުންނެވެ. އަދި ބާނާ ކޮންމެ ކިލޯއަކަށް 1 ޑޮލަރުގެ މަގުން ރޯޔަލްޓީ ފީއެއް ނަގައިފައިވެއެވެ. މިގޮތުގައި ލޭނުމަސްވެރިކަން 2010 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ދެމިއޮތެވެ. ނަމަވެސް، ލޭނުމަސްވެރިކަމަކީ ދިވެހި ކުންފުނިތަކަކުން ކުރާ މަސްވެރިކަމަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ލައިސަންސް ދޫކުރުން ހުއްޓާލައި، 2011 ވަނަ އަހަރު އަލުން ލައިސަންސް ދޫކުރަން ފެށުނެވެ. ލޭނުމަސްވެރިކަމުގެ ގަވާއިދު (388-R/2014) ވުޖޫދު ވުމާއެކު، ކުރިން 75 މޭލު ބޭރުގައި ކުރެވުނު ލޭނުމަސްވެރިކަން، 100 މޭލު ބޭރުން ފެށިގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި، ބައިނަލްއަޤުވާމީ ކަނޑުގައި (ހައިސީސް) ގައި ރީނދޫއުރަހަ ކަންނެއްޔާއި ލޯބޮޑުކަންނެއްޔަށް އަމާޒުކޮށް ލޭނުމަސްވެރިކަން ކުރުމުގެ ހުއްދަ ދެވުނެވެ. އަދި މި ގަވާއިދުގެ ދަށުން، ލޭނުމަސްވެރިކަން ކުރާ އުޅަނދުތަކުން، އައި.އޯ.ޓީ.ސީ ގެ ގަވާއިދުތަކާ އެއްގޮތަށް ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީ.އެމް.އެސް) ހަރުކުރުމާއި، ވެސަލް މާކިންގ އަދި ގަވާއިދުން ލޮގުފޮތް މެދުވެރިކޮށް މަސްވެރިކަމުގެ މަޢުލޫމާތު ރިޕޯޓު ކުރުމަށް ލާޒިމުކުރެވިގެން ދިޔައެވެ. ނަމަވެސް، ލޭނުމަސްވެރިކަމުގައި ހަރަކާތްތެރިވި އުޅަނދުފަހަރުން ގަވާއިދުން މަސްވެރިކަމުގެ މަޢުލޫމާތު ރިޕޯޓްކުރަމުން ނުދިއުމާއި، ޤާނޫނާއި ގަވާއިދާ ޚިލާފު ހަރަކާތްތަކެއް މި އުޅަނދުފަހަރުން ގުޅިގެން ހިންގަމުން ގެންގޮސްފައިވާތީ، ލޭނުމަސްވެރިކަމަށް ލައިސަންސް ދިނުން 2019 ވަނަ އަހަރު ސަރުކާރުން ހުއްޓާލައިފައިވެއެވެ.

ލޭނުމަސްވެރިކަމުގައި 2019 ވަނަ އަހަރު ބާނައިފައިވަނީ ޖުމުލަ 564 ޓަނުގެ ކަނޑުމަހެވެ. މީގެ ތެރެއިން މައިގަނޑު ބާވަތަކީ ރީނދޫއުރަހަ ކަންނެއްޔެވެ. އެއީ، މި މަސްވެރިކަމުގައި ބާނާފައިވާ ކަނޑުމަހުގެ ބާވަތްތަކުގެ %84 އެވެ. ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން ލޭނުމަސްވެރިކަމުގައި ހިބަރުގެ ބާވަތްތައްވެސް ކޮންމެވެސް މިންވަރަކަށް ބާނައެވެ.

4. ވަދު ނަނުގެ މަސްވެރިކަން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު ވަދު ނަނުގެ މަސްވެރިކަމަކީ ދިވެހި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރި މަސްވެރިކަމެކެވެ. ލައްޓި އާއި ރާގޮނޑިއަށް އަމާޒުކޮށް ކުރެވުނު މި މަސްވެރިކަމަކީ ދެކުނުގެ އަތޮޅުތަކަށްވުރެ ފުޅާކޮށް އުތުރުގެ އަތޮޅުތަކުގައި ކުރެވުނު މަސްވެރިކަމެކެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ މި މަސްވެރިކަމުގައި އަމާޒުކުރާ ދެ ބާވަތުގެ އާބާދީ އުތުރުގެ އަތޮޅުތަކުގައި ގިނަވުމެވެ. އަދި މި މަސްވެރިކަމުގެ މުހިންމުކަން އެންމެ ބޮޑުވެގެން ދިޔައީ، 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި މަސްދޯނިފަހަރުގައި އިންޖީނު އަޅަމުން ދިޔަ ދުވަސްވަރުއެވެ. މިގޮތުން، 1982 ވަނަ އަހަރަކީ ވަދުދޯނިފަހަރު ރާއްޖޭގައި އެންމެ ގިނައިން ހަރަކާތްތެރިވި އަހަރެވެ.

މިގޮތުން، އެ އަހަރު 3482 ވަދުދޯނި މަސްވެރިކަމުގައި ހަރަކާތްތެރިވި ކަމަށް ރިކޯޑުކުރެވިފައި ވެއެވެ. ޖެހިގެން އައި އަހަރުތަކުގައި މި އަދަދު މަދުވަމުން އައިސް 2010 ވަނަ އަހަރު ހަރަކާތްތެރިވި ކަމަށް ރިކޯޑުކުރެވިފައި ވަނީ 713 ދޯންޏެވެ. ވޭތުވެދިޔަ 5 އަހަރުދުވަހަށް (2015-2019) ބަލާއިރު ވަދުނަނުގެ މަސްވެރިކަމުގައި ބާނައިފައިވާ ބާވަތްތަކުގެ މިންވަރަކީ މި މުއްދަތުގައި މުޅި ރާއްޖެއަށް ބޭނި ކަނޑުމަހުގެ %12.0 އެވެ. އެއީ ގާތްގަނޑަކަށް 790 ޓަނު މަހެވެ. އިހުގައި ކުރެވުނު ވަދުނަނުގެ މަސްވެރިކަން ހީނަރުވެގެން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އިޖުތިމާޢީ އަދި އިޤުތިޞާދީ ސަބަބުތައް ހިމެނެއެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!