މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުދުނީގެ މުރަކަތަކާއި ގާތަކުގެ ނިވަލުގައި އުޅޭ ރައިވެރިމަހެކެވެ. މިބާވަތުގެ މަސް ފަޅުތެރޭގެ ވަރަށް ތިލަ ހިސާބުތަކުގައި ބައިހަދައިގެން އުޅޭތަން ފެނެއެވެ. މި ބާވަތުގެ މަސް ޢާއްމުގޮތެއްގައި އުޅޭ ފުންމިނަކީ ދެ މީޓަރާއި 30 މީޓަރާ ދެމެދެވެ. މިއީ ދިވެހި މަސްވެރިން ކުރާ ރޭގަޑުކެޔޮޅުކަމުގައި ބޭނޭ، ކެއުމަށް ބޭނުންކުރެވިދާނެ ކަށިގިނަ މަހެކެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް (ގިނައިން 14) މަޑުކަށްހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި ހަތަރު ހަރުކަށްޓާއެކު ފަސް ނުވަތަ ނުވަ މަޑުކަށިހުރެއެވެ. ކަންފަތްގަޑުގައި 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް (ގިނައިން 14) މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި ފަހެއް ނުވަތަ ހަ ބަރިޔަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 17 ސެންޓިމީޓަރަށެވެ.
މަހުގައި ހުދާއި ރަތްކުލައިގެ ފުޅާރޮނގުތަކެއް، ދިގަށްވާގޮތަށް ހުރެއެވެ. މަހުގެ ލޮލުގެ ތިރީކައިރީގައި ހުދުކުލައިގެ ރޮނގެއް ފާޅުކޮށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިހުންނަނީ ރަތްކޮށެވެ. މިކަށިތަކުގެ ކޮޅުހުންނަނީ ހުދުކުލައިގައެވެ. މިމަހަށް ކިޔާވަކި ޚާއްސަ ދިވެހިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ކުލަވަރަށްބަލާ އެންމެ ބޮޑަށް ފާހަގަކުރެވޭ ސިފައަށްވިސްނާ "ސީޓު ރައިވެރިމަސް" ކިޔާ ނަންދީފައިވަނީއެވެ.
އިނގިރޭސި ނަން: Crown squirrelfish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003

