މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަހިސާބުތަކުގެ މުރަކަތަކާއި، ގާތަކުގެ ވަށައިގެން އުޅޭމަހެކެވެ. މިއީ ޢާއްމުގޮތެއްގައި ރާޅުމުގުރާ ހިސާބުގައި އުޅޭ މަހެއްކަމުގައިވިޔަސް ފުން ހިސާބުންވެސް މިބާވަތުގެމަސް ފެނިފައިވެއެވެ. މިބާވަތުގެ ރައިވެރިވަސް ދުވާލުގެ ވަގުތުތަކުގައި ތިބެނީ މުޅިން ފިލައެވެ. ކެއުމަށްޓަކައި ރޭގަޑު ފަރުފަރުގެ ބޭރަށް ނުކުމެއުޅެއެވެ. މިއީ ކެއުމަށް ރަނގަޅު އެހެނަސް ކަށިގިނަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 16 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ތަރިބައިގައި 11 ހަރުކަށްޓާއެކު 12 ނުވަތަ 13 (ގިނައިން 13) މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ހަތަރު ހަރުކަށްޓާއެކު ނުވަ މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތްމަތީ ފަސް ބަރިއަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ރިހިކުލައެވެ. މި ރިހިކުލައާއެކު ރަތްކުލައިގެ ދަޅައެއް މަހުގައި ހުރެއެވެ. މިބާވަތުގެ ގިނަ ރައިވެރިމަހުގެ ހުޅުނބުތަކުގައި ކަޅުކުލައިގެ ތިއްކެއް ހުރެއެވެ. ނިގޫފަތް ހުންނަނީ ފަނޑު ރަތްކުލައިގައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކުގެ ދޭތެރޭން ދުލިފަށްތަކުގެ މަތީބައިގައި ފާޅުކަންބޮޑު ރަތް ލައްތަކެއް ހުރެއެވެ. މަހުގެ ކާނާއަކީ އަޑީގައިއުޅޭ ދިރުންތަކެވެ.
މިމަހަށް ދިވެހިން ކިޔާއުޅޭ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގެ އެންމެ ފާޅުކަންބޮޑު އެއްސިފަކަމުގައިވާ ކޮތަރިބައިގެ ރަތް ލައްތައް ފާހަގަކޮށް މިމަހަށް "ރަތްކޮތަރި ރައިވެރިމަސް" ކިޔާ ނަންދީފައިވަނީއެވެ.
އިނގިރޭސި ނަން:Peppered squirrelfish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003