ފުވައްމުލައް މަސްވެރިންނަށް މިފްކޯއަށް މަސްކިރުވޭނެ ފަސޭހަ ގޮތްތަކެއް ފުވައްމުލައް ސިޓީގައި ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ހިމެނޭ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޓީމަކާއި، މިފްކޯގެ އިސް ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މިބައްދަލުވުމުގައި ފުވައްމުލައް ކައުންސިލުގެ ފަރާތުން މައިގަނޑު 3 ކަމަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވއެވެ.
އޮގޮތުން ފުވައްމުލައް ސިޓީގެ ދަނޑުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާލުގެ މައްސަލަކަމުގައި ފާހަގަ ކުރައްވައި "ވާ' ކޮންޓްރޯލް ކުރުމަށާ އަވަސް ހައްލެއް ހޯދުމާއި ބެހޭގޮތުންނާއި، ފުވައްމުލައް ސިޓީގެ މަސްވެރިން ޢާންމުކޮށް ކުރާ މަސްވެރިކަމަކީ ވަދު މަސްވެރިކަން ކަމުގައި ފާހަގަ ކޮށް، ވަދުކަނދު މަސްވެރިކަމަށް ފުވައްމުލައް ސަރަހައްދުގައިވާ އޮއިވާލި ކަނދުފަތި ކްލެސިފައިޑް ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންނާއި، ފުވައްމުލައް މަސްވެރިންނަށް މިފްކޯއަށް މަސްކިރުވޭނެ ފަސޭހަ ގޮތްތަކެއް ފުވައްމުލައް ސިޓީގައި ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ޓީމުންވަނީ ފުވައްމުލައް ސިޓީގެ މަސްވެރިންނާއި އޮޑިވެރިން އަދި ދަނޑުވެރިންނާއެކުވެސް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި މަސްވެރިންނާއި އޮޑިވެރިން އަދި ދަނޑުވެރިން ކުރެއްވި ސުވާލުތަކަށް ވަރަށް ޔަގީންކަމާއެކު މިނިސްޓަރު ޖަވާބު ދެއްވާ އަދި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ވަނީ އަޑުއެއްސަވާފައެވެ.



