ދިރޭއެމުގެ މަސްވެރިކަމަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރެވޭ އެއްމަސްވެރިކަމެވެ. ދިވެހި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން އެމަސްވެރިކަމެއްގެ މައްޗަށް ބަރޯސާވާ މަސްވެރިކަންވެސްމެއެވެ.
ދިރޭއެމުގެ މަސްވެރިކަން ފެށުނުދުވަސްވަރެއް އެގެންނެތްކަމުގައިވިޔަސް ހަމަޔަގީނުންވެސް ދިވެހިމަސްވެރިން ދިރޭއެން ބޭނުންކޮށްގެން ކަނޑުމަހުގެ ބާވަތްތައް ދޮށީގައި ބާނާތާ އެތައް ގަރުނެއް ވެއްޖެއެވެ. ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން ހިފާދިރޭއެމުގެ ބާވަތްތަކަކީ ރެހި، ހޮނޑެލި، މިޔަރެން؛ ބޯދި އަދި މުގުރާމެވެ. ޒަމާނުއްސުރެ ދިރޭއެމުގެ މަސްވެރިކަން ކުރަމުން އައިސްފައިވަނީ ރާއްޖޭގެ އެތެރެވަރި ތަކުންނެވެ. މަޅިކުޑަ ދަލެއްބޭނުންކޮށްގެން ހިފާއެން ދިރުވާފައި ހުންނަނީ އޮޑީގައި އެންދިރުވުމަށް ހާއްސަކޮށްފައި ހުންނަ އެންވަތުގައެވެ. މިޒަމާނުގެ ދޯނިފަހަރުގައި އެންދިރުވުމަށް ހާއްސަކޮށްފައިވާ ދެވަތް ނުވަތަ ތިންވަތް ހުރެއެވެ. ދޯނިފަހަރުގައި އެންވަތްތަކުގައި ލޮނުގަނޑުދައުރު ކުރުމަށް ބައެއްދޯނިފަހަރުގައި ވަތުގައިލޯވަޅުކަނޑައި ހޮޅިބުރިން ލޮނުއަރުވާއިރު އަނެއްބައި ދޯނިފަހަރުގައި ޕަމްޕުގެ އެހީގައި ވަރަށް ލޮނުއަޅައެވެ.
އެހެން މަސްވެރިކަމެކޭ އެއްފަދައިން މިމުހިންމު މަސްވެރިކަމުގައިވެސް އެކިބާވަތުގެ ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އެގޮތުން ބައެއް ދުވަސްވަރު ބޭނުންވާވަރަށް އެންނުލިބުން އަދި ބައެއްސަރަހައްދުތަކުގައި މަސްވެރިން ވަރަށް ދުރަށް ދަތުރުކުރަންޖެހޭ ފަހަރުވެސް އާދެއެވެ. އަދި އެކަށީގެންވާވަރަށް އެންނުލިބިގެން މަހަށްނުފުރާ ތިބެންޖެހޭ ފަހަރުވެސް އާދެއެވެ. ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމުގައި މިހާރު ބޭނުންކުރާ އޮޑިފަހަރު ބޮޑެތިވުމުން އެފަދަ އެންހޯދުމަކީވެސް ވަރަށްބުރަ މަސައްކަތެކެވެ.
ހިފާއެން އެންމެފުރިހަމަގޮތުގައި ބޭނުންނުކުރެވި އުކާލަންޖެހޭ ފަހަރުވެސް މަދެއނޫނެވެ. ހިފާއެމުގެ ބޮޑުބައެއް މަރުވުމުން ނުވަތަ އެންއޮޑިއެކަށް މަރުވަގެން އުކާލަންޖެހޭ ފަހަރާވެސް ދިމާވެއެވެ. މހެން ދިމާވާން މެދުވެރިވާ އެތައް ސަބަބުތަކެއް ހުރެއެވެ. އޭގެތެރޭގައި އެންހިފާއިރު ފަރުވާތެރިވާންވާ ވަރަށް ފަރުވާތެރިނުވުން ހިމެނެއެވެ.
1.އެން ހިފާއިރު ބޭނުންކުރާދާ
އެން ހިފާއިރު ބޭނުންކުރާ ދަލުގައި ގޮށްހުރުމުން އެގޮށްތަކުގައި އެންތައް ކޭއްތުމުން އެމުގެ ބޭރުގައި ހުންނަ ހުޅުނބު އަދި ރައްކާތެރިކަމުގެ ލޮނދިފަށް (މިއުކަސް) ނެތިގެންގޮސް ފަސޭހައިން މަރުވާންދިމާވެއެވެ. މިހެން ލިބޭ ގެއްލުން ކުޑަކުރުމަށް ގޮށްނުހުންނަ ނުވަތަ ނޮޓްލެސް ދާ ބޭނުން ކުރެވިދާނެއެވެ. މިހާރުވެސް ބައެއް އޮޑިފަހަރުގައި މިފަދަ ގޮށްނުހުންނަ ބާވަތުގެ ދާ އެންދުމަށް ބޭނުން ކުރެއެވެ.
2. އެން ދަލުން ވަތަށް ބަދަލުކުރުން
އެން ދަލުން ވަތަށް ބަދަލުކުރު އެންދަލުން ވަތަށް ބަދަލުކުރާއިރު ދަލާއެކު ބޮޑު އެންބޮޑިއެއް ނެގުމުން އެތައްއެމެއް ޗަސްވެގެންދެއެވެ. އަދި ދަލުގައިޖެހުމުން މިކުދިކުދި މަސްތަކުގައި ލެވިފައިވާ ރައްކާތެރިކަމުގެ ދުލިފަށް ނެތިގެންދެއެވެ. އަދި ލޮނުގަނޑުން ބޭރަށް އެ ކުދިކުދި މަސްތައްނެގުމުން އެސޮރުމެން ނޭވާލުމަށްދަތިވެ ހާސްވެ އެސޮރުމެންނަށް ލިބޭ ސްޓްރެސް އިތުރުވެއެވެ. އެން ދަލުން ވަތަށް ބަދަލުކުރުމުގައި އެންމެ ރަނގަޅީ އެންދާ އެއާއެކު ދޯނިކައިރިއަށް ތިލަކުރުމަށްފަހު ފޮތުން ހަދާފައި ހުންނަ ކަވާވަށް ބޭނުންކޮށްގެން ލޮނާއެކު އެންވަތަށް ބަދަލުކުރުމެވެ. ބައެއް މަސްވެރިން ބޭނުންކުރަނީ ދާ ބޭނުންކޮށްގެން ހަދާފައި ހުންނަ ކާވާވައްޓެވެ. މިފަދަ ވަށި ބޭނުންކުރުމުން އެންތައް ހުންނަނީ ލޮނުގަނޑުން ބޭރުގައެވެ. އެހެންކަމުން މަސްތައް ހާސްވެ ސްޓްރެސް ބޮޑުވެއެވެ. ބޭރުގައުމުތަކުގައިވެސް އެންދަލުން ވަތަށް ބަދަލުކުރަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
3. އެންވަތުގައި އެކަށީގެންވާވަރަށް ލޮނުގަނޑު ދައުރުނުވުން
ބައެއް އޮޑިފަހަރުގައި އެންވަތަށް ލޮނުއަޅަނީ މަތިން ޕަމްޕުގެ އެހީގައެވެ. އަދި ހަމަ ލޮނުގަނޑު ބޭރުވަނީ (އޯވަރފުލޯ) ވަތުގެ ލޮނުގަނޑުގެ މަތީފަށަލައިންނެވެ. މިހެންވުމުން އެންވަތުގެ އަޑިޔަށް އާލޮނު ދިއުމުގެ ފުރުސަތު ކުޑަވެއެވެ. އެހެންކަމުން އެންވަތުގެ އަޑީގައި އޮކްސިޖަން ހުންނަ މިންވަރު މަދުވެ އެންތަކަށް އެކަށީގެންވާވަރަށް އޮކްސިޖަން ނުލިބުމުން އެންތައް ބަލިވެ އަވަހަށް މަރުވާން ދިމާވެއެވެ. އަދި މަރުވާއެންތައް ވަތުގެ އަޑިޔަށް ޖަމާވުމުން ވަތުގެ އަޑީގައި އެމޯނިޔާގެ މިންވަރު އިތުރުވެ އެހެންއެންތަކަށް ގިނައިރު ދިރިތިބުމަށް ހުރަސްއެޅެއެވެ. އެންވަތުގައި އެންގިނައިރު ދިރުވާފައި ބޭތިއްބުމަށް އެންވަތުގެ ލޮނުގަޑު ރަނގަޅަށް
ދައުރުވާގޮތް ހެދުން ވަރަށް މުހިންމެވެ. އަދި ލޮނުގަނޑުގެ އޮކްސިޖަންގެ މިންވަރު އިތުރުވާނޭގޮތް ހެދުންވެސް ވަރަށް މުހިންމެވެ. އޮކްސިޖަންގެ މިންވަރު އިތުރުކުރެވޭނީ ލޮނުގަނޑު ރަނގަޅަށް ދައުރުވާގޮތަށް ހުރުމުން ނުވަތަ ލޮނުގަނޑުގެ ތެރެޔަށް ޕަންޕެއްގެ ނުވަތަ ކޮމްޕުރެސަރުގެ އެހީގައި ވައިފޮނުވައިގެނެވެ.
4. އެންވަތުގެ ލޮނުގަނޑު މާބޮޑަށް ހެލުވުން
ކަނޑުގަދައިރު އެންވަތަށް އެންލައިގެން މަސްހޯދުމަށް ދަތުރުކުރާއިރު ވަތުގެ ލޮނުގަނޑު އާދަޔާހިލާފަށް ބޮޑަށް ހޭލެވޭގޮތް ދިމާވެއެވެ. މިކަހަލަދުވަސްދުވަހު އެންވަތުގެ ލޮނުގަނޑު އެންތަކާއެކު އެއްފަރާތުން އަނެއްފަރާތަށް ހެލުވޭލެއް ބޮޑުކަމުން އިސާހިތަކު އެންތަކުގެ ހުޅުނބުތައްކާއި ލޮނދިގޮސް އެންތައް ބަލިވެއެވެ. އާއްމުކޮށް އެންދިރިއުޅޭ ތަންތަނަކީ މިގޮތަށް ގަދަޔަށް ލޮނުގަނޑު ހެލުވޭ ތަންތަނެއް ނޫނެވެ. އެހެންކަމުން އޮޑީގެ ވަތުގެ ލޮނުގަނޑުވެސް ވީހާ މަޑުމައިތިރިގޮތަކަށް ހުރުމުން ގިނަދުވަހު ވަތުގައި އެން ދިރުވާފައި ބެހެއްޓުމަށް މަގުފަހި ކޮށްދެއެވެ. އެންވަތުގެ ލޮނުގަނޑު ހެލުވުން ކުޑަކުކުރުމަށް މިހާރުވެސް ބައެއް އޮޑިފަހަރުގައި ވަތަށް ލޮނު އަޅާއިރު ވަތުތެރެއިން ރަނގަޅަށް ޑެކުގައިޖެހެންދެން ލޮނުއަޅައެވެ. ޖަޕާނުގެ އުޅަނދުފަހަރުގައި ހުންނަނީ އެންވަތުގެ އަގަތަންކޮޅެއް މައްޗަށް އުފުލާލައިފައެވެ. އަދި މިއަގަތެރެޔަށް ލޮނުގަނޑު އަރަންދެން ވަތުގެ ލޮނުގަނޑު ބޮޑުކޮށްލުމުން ވަތުގެ ލޮނުގަނޑު އެއްގޮތަކަށްވެސް ނުގުޑައެވެ.
5. އެންވަތަށް ނުކަތާވަރަށް ގިނައިން އެންއެޅުން
ހިފާއެން އޮޑީގައި މަރުވިޔަނުދީ ގިނަވަގުތު ދިރުވާފައި ބެހެއްޓުމަށް އެކިބާވަތުގެއެން ވަތަށް އެޅެނީ އެކިމިންވަރަށް ކަންވެސް ދެނެގަންނަން ޖެހެއެވެ. ހޮނޑެލި އަދި ރެހިފަދަ އެން އުޅޭގޮތާއި ބޯދި އަދި މުގުރާން އުޅޭގޮތް ތަފާތެވެ. އެހެންކަމުން އެކި ބާވަތުގެއެން ވަތަށް އެޅުމުގައި އެއެންތަށް ތޮށްޖެހި ހާސް ނުވާވަރު ބަލައިގެން އެންވަތަށް އެންއެޅުމަކީވެސް ފަރުވާތެރިވާންޖެހޭ ކަމެކެވެ. ބައެއްފަހަރު އާދަޔާހިލާފަށް ގިނައިން އެން ލިބޭދުވަސްވަރު އެންވަތަށް ނުކަތާވަރަށް ގިނައިން އެންއަޅަން މަސްވެރިން މަސައްކަތް ކުރެއެވެ. އެހެންހެދުމުން ވަތުގައި ތޮށްޖެހިފައިވާ އެމަށް އެކަށީގެންވާވަރަށް އޮކްސިޖަން ނުލިބިގެން އިސާހިތަކު މަރުވާން ފަށައެވެ. އަދި މަރުވާ އެން ވަތުގެ އަޑިއަށްއޮބި ވަތުތެރޭގެ ލޮނުގަނޑު ތަގައްޔަރުވެ އިތުރަށްއެން މަރުވުމަށް މަގުފަހިވެއެވެ.
ހިފާއެން، އޮޑީގައި މަރުވިޔަނުދީ ގިނަވަގުތު ދިރުވާފައި ބެހެއްޓުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ހިފޭއެންކޮޅު މަރުވެގެން އުކާލަންޖެހުމަކީ މަސްވެރިންނަށް ގެއްލުންވުމުގެ އިތުރުން ދިރޭއެމުގެ ސްޓޮކަށްވެސް ބާރު ބޮޑުވާނެކަމެކެވެ. އެހެނީ އުކާލަންޖެހޭ އެމުގެ މިންވަރު އިތުރުވުމަކީ ހިފާއެންވެސް އިތުރުވާނެ ކަމެކެވެ. އެހެންކަމުން ހިފާއެން އެންމެފައިދާހުރި ގޮތުގައި އެ ބޭނުންކުރުމަކީ މަސްވެރިންނަށާއި ދިރޭއެމުގެ މަސްވެރިކަމަށްކުރާ ނޭދެވޭއަސަރު ކުޑަކުރުމަށް ކުރެވިދާނެ އެންމެމުހިންމު ކަންތަކެވެ. ދިރޭއެމުގެ މަސްވެރިކަމަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީ ދިވެހި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަމަށް ނޭދެވޭ އަސަރުފޯރާނެ ކަންތަކެވެ.