މަސްވެރިކަމާއި ގުޅޭ

ރަތްކިރުޅި ރައިވެރިމަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ މުރަކައާއި ގާތަކުގެ ތެރޭގައި އުޅޭ މަހެކެވެ.

ދިވެހި މަސްވެރިން ރޭގަޑުކުރާ ކެޔޮޅުކަމުގެ މަސްވެރިކަމުގައި ބޭނޭމަހެކެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި ތިބެނީ ގާތަކުގެ ނިވަލުގައެވެ. އަދި ރޭވެ އަނދިރިވުމުން ބައިބަޔަށް ފަރުބޭރަށް ނުކުމެއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 ނުވަތަ 14 މަޑުކަށިހުރެއެވެ. ކަންފަތުގައި 13 ނުވަތަ 14 (ގިނައިން 14) މަޑުކަށިހުރެއެވެ. ކަރުތާފަތުގެ މަތީގައި 4 ނުވަތަ 5 ހުޅުނބުރޮނގު ހުރެއެވެ. މަހުގެ ކުލައަކީ ދަނބުކުލައަކަށްދާ ކިރުޅިކުލައެކެވެ. މަހުގެ ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ ހުދު ކުލައިގައެވެ. މަހުގެ ކަންފަތުގެ މަތީގައި ތިނެސްކަނަށް ހުންނަ ރަތްކުލައިގެ ލަފެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތަކުގެ ދޭތެރޭ ދުލިފަށް ހުންނަނީ ފަނޑު ރަތްކުލައިގައެވެ. އެހެނިހެން ކޮތަރިތަކާއި ނިގޫފަތް ހުންނަނީ މައިގަޑުގޮތެއްގައި ފަނޑު އަޅިކުލައިގައެވެ. މިއީވެސް އަނގައަށް މީރު ކާން ރަގަޅު ފަރުމަހެކެވެ. ނަމަވެސް ރައިވެރިމަހުގެ ބާވަތްތަކަކީ ދިވެހިން ކެއުމަށް ޝަޢުގުވެރިކަން ނުދޭ ބާވަތެއްކަމުން މިބާވަތަކީވެސް ދިވެހިން ޢާއްމުކޮށް ކައިއުޅޭ ބާވަތެއް ނޫނެވެ.

މިމަހަށް ކިޔާ ވަކިނުމެއް ރެކޯޑްކުރެވިފައި ނުވުމާއެކު މިމަހުގެ ކުލައަށް ވިސްނާ މިމަހަށް "ރަތްކިރުޅި ރައިވެރިމަސް" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Violet squirrelfish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!