ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ގޮތުން ކޮށްފައިވާ މުހިންމު މަސައްކަތްތައް

  1. މަސްވެރިކަމުގެ ތަފާސްހިސާބު އެއްކުރުން

ދިވެހިންގެ ސަޤާފަތުގައި ކަނޑުމަސްވެރިކަމަށް ދެވިފައިވާ މުހިންމުކަމުގެ ސަބަބުންނާއި، ޒަމާނުއްސުރެ ދިވެހިން ފުޅާ ދާއިރާއެއްގައި ކުރަމުން އައި ހަމައެކަނި މަސްވެރިކަމަކީ ކަނޑުމަހުގެ މަސްވެރިކަން ކަމުގައިވާތީ، މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާއި، ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ތަފާސްހިސާބު ބެލެހެއްޓުމަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ވަނީ ކަނޑުމަހުގެ މަސްވެރިކަމާ ގުޅި ލާމެހިފައެވެ. މީގެ މިސާލަކީ މަސްވެރިކަމުގެ ތަފާސްހިސާބު ނެގުން ފެށިފައިވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ މަޢުލޫމާތު ހޯދުމަށް ކަމެވެ. މިގޮތުން، 1959 ވަނަ އަހަރު ފެށިފައިވާ، މަސް ބާނާ މިންވަރު ރިކޯޑުކުރުން ފެށިފައިވަނީ ކަނޑުމަހުގެ މަސްވެރިކަމުންނެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަފާސްހިސާބުތައް އެންމެ ފުރަތަމަ ނަގަން ފެށުނީ 1959 ވަނަ އަހަރު، ކޮންމެ ރަށަކުންވެސް އެ ރަށަކަށް ބޭނި ގޮދާ، ކުދި މަހާއި ކަންނެލި، އަދި ލައްޓިއާއި ރާގޮނޑީގެ މިންވަރުތައް ރިޕޯޓުކުރަން ފެށުމާ ހަމައިންނެވެ. އެއަށްފަހު، 1966 ވަނަ އަހަރު ތަފާސްހިސާބު ނެގުން ފުޅާކޮށް، ވަދުދޯންޏާއި މަސްދޯނީގެ ހިސާބު ނަގަން ފެށުނެވެ. އަދި ގޮދާ، ކުދިމަސް، ކަންނެލި، ލައްޓި އަދި ރާގޮނޑީގެ ތަފާސްހިސާބުތައް ވަކިވަކިން ނަގަން ފެށުނީ 1970 ވަނަ އަހަރެވެ. އަދި މި އަހަރުން ފެ ށިގެން ފަރުމަހާއި މިޔަރު ފަދަ ކަނޑުމަސް ނޫން ބާވަތްތައްވެސް ތަފާސްހިސާބު ނެގުމު ގެ ނިޒާމުގެ ތެރޭގައި ހިމެނިގެން ދިޔައެވެ. ދިވެހިރާއްޖޭގެ މަސްދޯނިފަހަރުގައި 1974 ވަނަ އަހަރުން ފެށިގެން އިންޖީނު އަޅަން ފެށުނު ނަމަވެސް، ތަފާސްހިސާބު ނެގުމުގައި އިންޖީނު އެޅި ދޯންޏާއި ރިޔަލު ދޯނި ވަކި ކުރަން ފަށައިފައިވަނީ 1979 ވަނަ އަހަރުއެވެ. މިއަށްފަހު، 1992 ވަނަ އަހަރުން ފެށިގެން ކަންނެލީގެ ތެރެއިން އަތުނަނުގެ މަސްވެރިކަމުގައްޔާއި ވަދުނަނުގެ މަސްވެރިކަމުގައި ބާނާ "ބޮޑުކަންނެލި" ވަކި ކުރެވިގެން ދިޔައެވެ. މީގެ އިތުރުން ތަފާސްހިސާބު ނެގުމަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިބަރާއި މިޔަރު ހިމެނުމާއި، ފަރުމަހުގެ ބާވަތްތައް ތިން ގްރޫޕަކަށް ބަހާލައިގެން (ކުދި، މެދު އަދި ބޮޑެތިމަސް) ހިސާބު ނެގުން ހިމެނެއެވެ. އަދި 2010 ވަނަ އަހަރު ލޮގްފޮތް ތަޢާރު ފު ކޮށް، ދޮށީގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަން އަދި ލޭނުގެ މަސްވެރިކަމުގެ މަޢުލޫމާތު ނެގުމަށް ލޮގްފޮތް ބޭނުންކުރަން ފެށުނެވެ.

މަސްވެރިކަމުގެ ލޮގްފޮތް ތަޢާރުފުކުރުމުގެ ކުރީން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަފާސްހިސާބު ނަގަމުން އައީ މަސްވެރިން ރަށުއޮފީހަށް ރިޕޯޓުކުރާ މަޢުލޫމާތު، "މަސްދުވަހުގެ މަސްވެރިކަމުގެ ރިޕޯޓު" މެދުވެރިކޮށް، މަސްވެރިކަމުގެ ވުޒާރާގެ ސްޓެޓިސްޓިކްސް އެންޑް ޑޭޓާ މެނޭޖްމަންޓް ސެކްޝަނުންނެވެ. މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ މަސްވެރިން ކޮންމެ ދުވަހަކު ބާނާ މަހުގެ މިންވަރު ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ ކަނޑައެޅޭ ވަކި މުވައްޒަފަކު ރިކޯޑުކޮށް، މިނިސްޓްރީއަށް ގަވާއިދުން ހިއްސާކުރުމެވެ. މީގެ އިތުރުން، ކޮންމެ ރަށަކުންވެސް އެ ރަށެއްގައި ހިންގި މަސްވެރިކަމުގެ އެހެނިހެން ހަރަކާތްތަކުގެ މަޢުލޫމާތު، "މަސްދުވަހުގެ މަސްވެރިކަމުގެ ރިޕޯޓު 2" މެދުވެރިކޮށް، ފޮނުވަމުން ދިޔައެވެ. މީގެތެރޭގައި އެ ރަށެއްގައި ތިބި މަސްވެރިންގެ އަދަދާއި، މަސްވެރި އުޅަނދުތަކުގެ މަޢުލޫމާތު އަދި އެހެނިހެން ގޮތްގޮތުން ރަށަށް ކިރުވާ މަހުގެ މަޢުލޫމާތާއި ރަށުގައި އުފައްދައި ، ބޭރުކުރާ މަސްވެރިކަމުގެ އުފެއްދުންތަކާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. މިގޮތަށް ރަށުއޮފީސް މެދުވެރިކޮށް މަސްވެރިކަމުގެ ތަފާސްހިސާބު ނެގުން އެ ޒަމާނަށް އެންމެ އެކަށޭނެ ނިޒާމަށް ވުމުގެ މައިގަނޑު ސަބަބުތަކަކީ، އިހުގެ މަސްވެރި ދަތުރުތަކަކީ އާންމުކޮށް އެއްދުވަހުގެ ދަތުރަށް ވުމާއި، ކޮންމެ ދަތުރަކަށް ފަހު މަސްވިއްކުމަށް އާން މުކޮށް އެނބުރި ލަފަނީ ރަށަށްކަމަށްވެފައި، އޮޑިވެރިޔާ އާއި ފަޅުވެރިންގެ މެދުގައި ބައިއަޅަނީ އެ ދުވަހެއްގައި ބޭނި މަހުގެ އަދަދު ގުނައިގެން ކަމަށްވާތީއެވެ. އަދި 2010 ވަނަ އަހަރު ލޮގްފޮތް ތަޢާރުފުކުރެވުމާ ހަމައަށް ތަފާސްހިސާބު ނެގެމުން އައީ މިގޮތަށެވެ. ނަމަވެސް ލޮގްފޮތް ތަޢާރުފުވުމާ ގުޅިގެން މިގޮތަށް މަސްރިޕޯޓު ނެގުން މަދުވަމުން އައިސް، ރަށު އޮފީސްތަކުން މަޢުލޫމާތު ނެގުން ރަސްމީކޮށް ހުއްޓައިލައިފައިވަނީ 2018 ވަނަ އަހަރުގައެވެ. މިގޮތުން، މިހާރު ކަނޑުމަހުގެ މަސްވެރިކަމާއި، ފަރުމަހުގެ އަދި ފާނަ މަސްވެރިކަމުގެ ތަފާސްހިސާބު އެއްކުރަނީ ހަމައެކަނި ލޮގްފޮތް މެދުވެރިކޮށް މަސްވެރިން ފޮނުވާ މަސްރިޕޯޓުތަކަށް ބިނާކޮށެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ރާވައިހިންގައި ބެލެހެއްޓުމަށްޓަކައި ވަކި ވުޒާރާއެއް އެންމެ ފުރަތަމަ އުފައްދައިފައިވަނީ 1968 ވަނަ އަހަރު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒުގެ ނަމުގައެވެ. އެހާތަނަށް މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމާއި މަސްވެރިކަން ބެލެހެއްޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ޒިންމާގެ ތެރޭގައެވެ. އެކި ނަންނަމަށް ބަދަލުވިއަސް، މަސްވެރިކަމާއި ދަނޑުވެރިކަން ބެލެހެއްޓެމުން ދިޔައީ އެއް ވުޒާރާއެއްގެ ދަށުންނެވެ.

މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމަކީ މިނިސްޓްރީގެ ފިޝަރީޒް މެނޭޖްމަންޓް ސެކްޝަނުގެ ސްޓެޓިސްޓިކްސް ޔުނިޓުގެ ޒިންމާއެކެވެ. މި ޔުނިޓުގެ އިތުރު ޒިންމާތަކުގެ ތެރޭގައި މަސްވެރިކަމުގެ ތަފާސްހިސާބުތައް އެކުލަވައިލައި، އެކަމާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖޭގެ ކަމާގުޅޭ އިދާރާތަކަށާއި، މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާގުޅޭ ބައިނަލްއަޤުވާމީ ފަރާތްތަކަށް ގަވާއިދުން ހުށަހެޅުން ހިމެނެއެވެ. "ކެޔޮޅު" ނަމުގައި މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވާ ފިޝަރީޒް އިންފޮރމޭޝަން ސިސްޓަމް ސޮޕްޓްވެއަރ އަކީ މަސްވެރިކަމުގެ ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމުގެ މައިގަނޑު ދައުރު އަދާކުރާ ސޮފްޓްވެއަރ އެވެ. ތަފާސްހިސާބުތައް ބެލެހެއްޓުމުގެ އިތުރުން، މަސްވެރިކަމުގެ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމާއި، މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ލައިސަންސް ދޫކުރުމާއި، ކުންފުނިތަކުން މަސް ގަންނަ މިންވަރު ރިޕޯޓުކުރުން އަދި މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމަށް ބޭނުންވާ ކެޗް ސެޓުފިކެޓު ދޫކުރަނީވެސް "ކެޔޮޅު" ސޮފްޓްވެއަރ މެދުވެރިކޮށެވެ.

2. ލައިސަންސް ދޫކުރުމާއި ކެޗް ސެޓުފިކެޓު ދޫކުރުން

ދިވެހިން ކުރާ މަސްވެރިކަމަށް ލައިސަންސް ދޫކުރަން ފަށައިފައިވަނީ 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި، "އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓުކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" އަށް ޢަމަލު ކުރަން ފެށުމާއެކުގައެވެ. މި ގަވާއިދުގެ ދަށުން އެކްސްޕޯޓު ކުރުމަށް ނުވަތަ އެކްސްޕޯޓު ކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރާ ފަރާތް ތަކާއި، މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުން، މިނިސްޓްރީން ޚާއްޞަ ލައިސަންސެއް ނެގުމަށް ލާޒިމުކުރެވުނެވެ. ދޮށީގެ މަސްވެރިކަމާއި، އަތުނަނުގެ ބޮޑުކަންނެލި މަސްވެރިކަމަށް ވަކި ޚާއްޞަ ގަވާއިދެއް ނެތް ނަމަވެސް، މި ދެ މަސްވެރިކަން ރާވައި، ހިންގުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ތަންފީޛުކުރެވުނީ މި ގަވާއިދުގެ ދަށުންނެވެ. އަދި މިގޮތުން މަސްވެރިކަމާއި ޕްރޮސެސްކުރުމުގައި އަމަލުކުރަންޖެހޭ ކަންކަމާއި ރިޕޯޓުކުރުން ފަދަ ބައެއް މުހިންމު ފިޔަވަޅުތައް ލައިސަންސްގެ ޝަރުޠުތަކުގެ ގޮތުގައި ހިމަނައިގެންވެސް ތަންފީޛުކުރެވިފައި ވެއެވެ.

"އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓުކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" އައުމުގެ ކުރިން، 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ 75 މޭލު ބޭރުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރަމުން ގެންދިޔައެވެ. އޭރު މި މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމުގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދިޔައީ އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒު ންނެވެ. ނަމަވެސް ބޭރުގެ އުޅަނދުފަހަރަށް ލޭނުމަސްވެރިކަމަށް ލައިސަންސް  ދޫކުރުން 2010 ވަނަ އަހަރުގެ ތެރޭގައި މެދުކަނޑައިލައި، ދިވެހި އުޅަނދުފަހަރަށް ޚާއްޞަކޮށްގެން، ރާއްޖޭގެ ސަރަޙައްދުގައި އެތެރެވަރީން 100 މޭލު ބޭރުގައި މަސްވެރިކަން ކުރުމުގެ ލައިސަންސް 2011 ވަނަ އަހަރުން ފެށިގެން ދޫކުރަން ފެށިއެވެ. މީގެ އިތުރުން 2014 ވަނަ އަހަރު، ލޭނުގެ މަސްވެރިކަމަށް ޚާއްޞަ ގަވާއިދެއް، ގަވާއިދު ނަންބަރު: 388-R/2014 (ލޭނުގެ މަސްވެރިކަމުގެ ގަވާއިދު) އެކުލަވައިލައި، ލޭނުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުން ހަރުދަނާކުރެވުނެވެ. މީގެ ތެރޭގައި، މަސްވެރިކަމުގެ މޮނިޓަރިންގ، ކޮންޓްރޯލް އެންޑް ސަރވޭލަންސް އަދި ތަފާސްހިސާބު ނެގުން ވަރުގަދަ ކުރުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި، މާކަނޑުން (ހައި ސީސް) މަސްވެރިކަން ކުރުމުގެ ފުރުޞަތު ހުޅުވައިލެވިގެންދިޔައެވެ.

ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުވާ ކަނޑުމަހުގެ މަސްވެރިކަމާއި ވިޔަފާރިއާބެހޭ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ އިލްތިޒާމްތައް ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ޔޫރަޕިއަން ޔޫނިއަނުން، ގަވާއިދާ ޚިލާފަށް، އަދި ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓުކުރުމެއް ނެތި ކުރެވޭ (އިލީގަލް، އަންރެގިއުލޭޓެޑް، އެންޑް އަންރިޕޯޓެޑް - އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށް އެކުލަވައިލައިފައިވާ ގަވާއިދު (އީ.ޔޫ. އައި.ޔޫ.ޔޫ ރެގިއުލޭޝަން) ގެ ދަށުން ދިވެހިރާއްޖެއަށް ޢަމަލުކުރުމަށް ލާޒިމުވާ ކަންކަން ފުރިހަމަކުރުމަށްޓަކައި، 2010 ވަނަ އަހަރު ކަނޑުމަހުގެ މަސްވެރިކަމަށް "ކެޗް ޑޮކިއުމަންޓޭޝަން ސްކީމް" ތަޢާރުފުކޮށް، ޢަމަލުކުރަން ފެށުނެވެ. މި ސްކީމް ފެށިގެން ދިޔައިރު، ސްކީމުގެ ދަށުން ކެޗް ސެޓުފިކެޓު ނެގުމަށް ލާޒިމު ކުރެވިގެން ދިޔައީ ހަމައެކަނި ރާއްޖެއިން އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކާއި، އެ ބާވަތްތަކުގެ އުފެއްދުންތަކަށެވެ.

މަސްދަރު: މަސްދަރު: ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!