Bluestripe pipefish

ނޫރޮނގު ވެނުބަނޑޭރި

ވެނުބަނޑޭރީގެ ގިނަ ބާވަތްތަކަކީ ރާއްޖޭގައި ޢާއްމުކޮށް ހިފާނޫޅޭ އަދި ކެއުމަށްވެސް ބޭނުންނުކުރާ ބާވަތްތަކެއްކަމުން މިބާވަތުގެ ވެނުބަނޑޭރިއަށްވެސް ވަކިޚާއްޞަނަމެއް ކިޔައެއް ނޫޅެއެވެ. ވުމާއެކު މިވެނުބަނޑޭރިއަށް އިގިރޭސިބަހުން ކިޔާނަމާއި ގުޅޭގޮތުންމަހުގެ ސިފައަކާއި ކުލައަށް ވިސްނާ "ނޫރޮނގު ވެނުބަނޑޭރި" ކިޔާ ނަންދީފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 8 ސެންޓިމީޓަރަށެވެ.

ނޫރޮނގު ވެނުބަނޑޭރިއަކީ ހިމަދިގުކޮށް ހުންނަ ކުޑަ އިސްކޮޅެއްގެ މަހެކެވެ. މިބާވަތުގެ ވެނުބަނޑޭރި އުޅެނީ ފަރުގައި ހެދިފައިހުންނަ ހޮރުތަކުގައްޔާއި ހޮހަޅަތަކުގައެވެ. ވުމާއެކު މޫދަށް އެރިއުޅޭ ފަރާތްތަކަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 21 އާއި 29 އާއި ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. މިއީވެސް ވެނުބަނޑޭރީގެ އެހެން ބާވަތްތަކެކޭ އެއްގޮތަށް، ކޮޅުކޮޅު މައްޗަށް މާބާރުބާރަށް ދުވެއުޅޭ މަހެއްނޫނެވެ. މަހުގެ ނިގޫފަތް ހުންނަނީ ފަސްކަލެއްގެ ސިފައިގައެވެ.

މަހުގެ ކުލައަކީ ރަތްއޮރެންޖު ކުލައެކެވެ. މަހުގެ ތުނބުންފެށިގެން ލޯހުރަސްކޮށް ނިގޫފަތާ ހަމައަށް ނޫކުލައިގެ ފުޅާރޮނގެއް ފާޅުކޮށް ފެންނަންހުރެއެވެ. މިމަހަށް ނަންދެވިފައިވަނީ މަހުގައި އެކުލެވޭ މިޚާއްސަ ސިފައަށް ވިސްނައިގެންނެވެ.

އިނގިރޭސި ނަން: Bluestripe pipefish
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!